ރާއްޖޭގެ މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހިމް (ކައިޒީން) އޭނާގެ ބައްޕައާ ދެކޮޅަށް ބޯޓެއްގެ މައްސަލާގައި ކުރި ދައުވާގައި ކައިޒީން އެދުނު ގޮތަށް އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމުމުން އެ މައްސަލަ ކައިޒީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
ކައިޒީން، އޭނާގެ ބައްޕައާ ދެކޮޅަށް ދައުވާކުރީ 3.6 މިލިއަން ރުފިޔާ ދީގެން ބައްޕަ ލައްވައި ބޯޓު ގަތުމުން، ކައިޒީންގެ ރުހުން ނެތި ބައްޕަގެ ނަމުގައި ބޯޓު ރަޖިސްޓަރީ ކުރި ކަމަށް ބުނެ އެވެ.
ކައިޒީންގެ ފަރާތުން ކޯޓުގައި އަމުރަކަށް އެދުނީ ބޯޓުގެ މިލްކުވެރި ފަރާތަކީ ކައިޒީން ކަމަށް ކަނޑައަޅައި ދިނުމަށާއި ބޯޓުގެ ރަޖިސްޓަރީ އޭނާގެ ނަމަށް ބަދަލުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ މައްޗަށް އަމުރު ކޮށްދީ، ބޯޓުގައިވާ ހުރިހާ ތަކެއްޗާއެކު، ތިން ދުވަހުގެ ތެރޭގައި ބޯޓު ކައިޒީނާ ހަވާލު ކޮށްދިނުމަށެވެ.
އެހެން ނަމަވެސް މިދިޔަ މަހު ސިވިލް ކޯޓުން ނިންމީ އެކަންކަމާ މެދު ގޮތެއް ނިންމޭނީ މުޅި މައްސަލާގެ މައުލޫއުގެ މައްޗަށް ގޮތެއް ނިންމާއިރު ކަމަށެވެ. އެހެންކަމުން މިވަގުތު އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ކޯޓުން ނިންމި އެވެ.
އެ ނިންމުން އިސްތިއުނާފްކުރަން ކައިޒީންގެ ފަރާތުން ހައި ކޯޓަށް ހުށަހަޅާފައި ވިޔަސް, އެ މައްސަލަ ބަލައިގަތުމާ މެދު މިހާތަނަށް ގޮތެއް ނުނިންމަ އެވެ.
އެ މައްސަލަ ކޯޓުގައި އޮތުމުން ސިވިލް ކޯޓުން ކުރިން ވަނީ ކޯޓުގެ މިލްކުވެރިކަން ބަދަލު ނުކުރުމަށާއި ކުއްޔަށް ދިނުން ފަދަ އެއްވެސް ކަމެއް ނުކުރުމަށް ކައިޒީންގެ ބައްޕަ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!