ކޮންމެހެން އަޅުއްވަން ޖެހިވަޑައިގަންނަވާ ފިޔަވަޅެއް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އަޅުއްވާނެ ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ސެއިޚް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފިޔަވަޅު އެޅުމަކީ ހިތިކަމާއި ފޮނިކަން އެކުލެވިގެންވާ ކަމެއްކަން ރައީސް ޞާލިޙަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

Ad
rt

‘’ކޮންމެހެން އަޅުވަން ޖެހިވަޑައިގަންނަވާ ފިޔަވަޅެއް އަޅުއްވާނެކަން ކަން ދަންނަ މީހުންނަށް އެނގޭ’’ އިމްރާން ވިދާޅުވެފަވެއެވެ.

އެއަށްފަހު އިމްރާން ވިދާޅުވީ، ކޮންމެ ކަމެއްގައި ވެސް ކެތްތެރިކަމާއި، ހިކުމަތްތެރިކަން އިސްކުރުން މުހިންމު ކަމަށެވެ.

މިނިސްޓަރު އިމްރާން މި މޭރުމުން ވާހަކަ ދައްކަވާފައި މިވަނީ، އެމްޑީޕީގެ ރައީސް، ރައީސް ނަޝީދަށް ތާއީދު ކުރައްވައި، ނަޝީދުގެ ފިކުރެއްގެ ދިރުން ޓީމުގައި އިސްކޮށް އުޅުއްވަނިކޮށް އެސްޓީއޯގެ ސީއީއޯ އަދި އެމްޑީގެ މަގާމުގައި ހުންނެވި ހުސެން އަމުރު މިއަދު ހަވީރު މަގާމުން ވަކިކޮށްފައި ވަނިކޮށެވެ.

މީގެ އިތުރުން އެކުގައި ނުތިބެވޭނަމަ ވެރިކަން ހިންގާ އިއްތިހާދުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓް ތަކުގައި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާމެދު ވެސް ފިޔަވަޅު އަޅަންޖެހިދާނެކަމުގެ އިޝާރާތެއް ރައީސް ޞާލިޙް ކުރައްވާފައި ވަނިކޮށެވެ.