ސްޓޭޓް ޓްރޭޑިން އޯގަނައިނޭޝަން (އެސްޓީއޯ) ގެ ހިންގުން ވަގުތީގޮތުން އެކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) މުހައްމަދު ނިޒާމްއާ ހަވާލުކޮށްފިއެވެ.
އެސްޓީއޯ އަށް މި ބަދަލު ގެނެސްފައިވަނީ މިއަދު އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސައިން އަމްރު، މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. އެސްޓީއޯއިން ވަނީ އެކަން ހާމަކޮށް ޓްވީޓެއްކޮށްފައެވެ.
އެސްޓީއޯ އިން ބުނީ އެ ކުންފުނީގރ ހިންގުން ވަގުތީގޮތުން ނިޒާމްއާ ހަވާލުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން އަންގާފައިވާތީ، މިއަދު ބޭއްވި އެ ކުންފުނީގެ ބޯޑުން އެ ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
އެސްޓީއޯ އިން ބުނީ އަމްރުގެ ހިދުމަތަށް ޝުކުރު އަދާކުރާ ކަމަށާއި ކުރިއަށްއޮތް ތަނުގައި އެ ކުންފުނީގެ ތަސައްވުރަށް ސާބިތުވެ، ވިޔަފާރީގެ ހުރިހާ ދާއިރާއަކުން ވެސް އިތުރު ކުރިއެރުން ގެނައުމަށް މަސައްކަތްކުރާނެ ކަމަށެވެ.
އަމްރު އެސްޓީއޯގައި އަދާކުރައްވަމުން ގެންދެވި މަގާމުތަކުން ވަކިކުރަން ނިންމެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ރައީސް ވަނީ އަމްރު، އެސްޓީއޯގެ ބޯޑު ޑިރެކްޓަރު ކަމުންނާއި އެ ކުންފުނީގައި އޭނާ އަދާކުރައްވަމުން ގެންދެވި މެނޭޖިން ޑިރެކްޓަރު ކަމާއި ސީއީއޯ ކަމުން ވަކިކުރައްވަން ނިންމަވައިފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެފައިވާ ގޮތުގައި މި ބަދަލަކީ ސަރުކާރުގެ ކުންފުނިތަކުގެ ހިންގުމަށް އަބަދުވެސް ގެންނަ ބަދަލުތަކުގެ ތެރެއިން ގެންނަން ނިންމި ބަދަލެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!