ގދ. މަޑަވެލީގައި އަންހެނަކަށް އަނިޔާކުރާ ވީޑިއޯ ދައުރުނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން އިލްތިމާސް ކޮށްފިއެވެ.
އެ ކޮމިޝަނުން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މަޑަވެލީގައި އަންހެނަކަށް ގެވެށި އަނިޔާ ކުރާ ވީޑިއޯގައި ހިނގާ ކަންކަން އެ އިދާރާއިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ. އަދި މި ވީޑިއޯ ދައުރު ނުކުރުމަށް އާންމުންނަށް އިލްތިމާސް ކުރާ ކަމަށެވެ.
"ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ގދ. މަޑަވެލީގައި އަންހެނަކަށް ގެވެށި އަނިޔާ ކުރާ ވީޑިއޯގައި ހިނގާ ކަންކަން މި އިދާރާއިން ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އަދި މި ވީޑިއޯ އިތުރަށް ދައުރު ނުކުރުމަށް އާންމުންނަށް އިލްތިމާސް ކުރަން." އެޗްއާރްސީއެމްގެ ޓްވީޓުގައި ބުނެފައި ވެއެވެ.
ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއިން ފެންނަ ގޮތުގައި ފިރިހެނަކު، އަންހެން މީހާގެ އަތުގައި ހިފާ ގެއިން ބޭރަށް ނެރެ ވައްޓާލައި ގައިގައި ޖަހާ އަތުގައި ހިފައިގެން ދަމާފައި ގެންދާ މަންޒަރު ފެނެއެވެ. އެގޮތަށް ގެންދަމުންވެސް 1 ފަހަރު ޖަހާތަން ފެނެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެފައިވާގޮތުގައި، މަޑަވެލީގައި އަންހެނަކަށް އަނިޔާ ކުރި މައްސަލައެއް އިއްޔެ އެ އިދާރާއަށް ވަނީ ރިޕޯޓު ކޮށްފައެވެ. އެ މައްސަލައާއި ގުޅިގެން 33 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!