މި ފެށޭ ރޯދަމަހަކީ، ކީރިތި ޤުރްއާނުގެ ހިޔަލުގައި ހޭދަކުރުމަށް ލިބޭ ރަނުގެ ފުރުޞަތެއްކަމަށާއި، އެ ފުރުޞަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށްރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މިއަދު އިލްތިމާސް ކުރައްވައިފިއެވެ.
ރައީސް ޞާލިޙް މިފަދައިން އިލްތިމާސް ކުރެއްވީ ޤުރުއާން ކިޔެވުމުގެ 35 ވަނަ ޤައުމީ މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ، މި ފުރުޞަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި، ދީނީ އަދި އަޚްލާޤީ ރީތި އާދަތަކުގެ މަތީގައި ދެމިތިބުމަށް އިލްތިމާސް ކުރައްވާފައެވެ.
މީގެ އިތުރުން ރައީސް ވަނީ ތަޖުވީދު މަގުން ކީރިތި ޤުރްއާން ކިޔެވުމާއި ކީރިތި ޤުރްއާން ހިތުދަސްކުރުމަކީ ދުނިޔެއާއި އާޚިރަތުގެ އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިދޭނެ ވަރަށް މުޤައްދަސް އަޅުކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި އެކަމުގައި ދެމިތިބުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.
‘’މީގެ ދެ ދުވަސް ފަހުން އަޅުގަނޑުމެންނާ އެ ބައްދަލުކުރަނީ، ކީރިތި ޤުރްއާނުގެ މައްސަރު. މި އަހަރުގެ ބަރަކާތްތެރި ރޯދަ މަސް. އެއީ، ކީރިތި ޤުރްއާން ކިޔެވުމާއި އަޅުކަންތަކުގައި އިތުރަށް ހީވާގިވެ އުޅުމަށް، ޒަމާނުއްސުރެ އަޅުގަނޑުމެންގެ ތެރޭގައި، އާދަވެފައި އޮންނަ މައްސަރެއް. އަދި ގާތްތިމާގެ މީހުންނަށް ހެޔޮ ފޯރުވައި ޒިޔާރަތްކުރުން ވެސް އިތުރުކުރާ މައްސަރެއް. މާތް ﷲގެ ވާގިފުޅާއެކު، މި ރޯދަ މަހުވެސް އެފަދަ އަޅުކަންތަކުގައި ދެމިތިބުމުގެ ހެޔޮ ނަސީބު އަޅުގަނޑުމެންނަށް ލިބިގެންދާނެ.’’ ރައީސް ވިދާޅުވިއެވެ.
ރައީސްގެ މިއަދުގެ ވާހަކަފުޅުގައި ވަނީ އެންމެ ޅަފަތުން ފެށިގެން އަލިފުބާ ދަސްކޮށްދިނުންފަދަ ރީތި އަދި ރަނގަޅު އާދަތަކާ އެކު، ކީރިތި ޤުރްއާނާ އެކުގައި ދިރިއުޅުން އާރާސްތުކުރުމުގެ ދާއިރާ މިހާރަށް ވުރެ ފުޅާކުރަންޖެހޭ ކަން ފާހަގަކުރައްވައި، އެގޮތުން ކީރިތި ޤުރުއާނުގައިވާ ޢިލްމީ ޙަޤީޤަތްތަކުގެ މައްޗަށް، ޒަމާނީ ސައެންސާއި ޓެކްނޮލޮޖީގެ އަލީގައި ކުރެވޭ ދިރާސާތަކުން، އިސްލާމީ ރިސާލަތުގެ ފުރިހަމަކަން އިތުރަށް ހާމަވެގެންދާނެކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ޔުނިވަސިޓީތަކާއި ކޮލެޖްތަކުގެ އިސް ވެރިން، އެކަންކަމަށް ވިސްނުން ބެހެއްޓެވުމުގެ މުހިންމުކަން ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!