ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އިން ރަމަޟާން މަހު ޚިދުމަތްދޭ ގަޑިތައް ހާމަކޮށްފިއެވެ.

އެ ހޮސްޕިޓަލުން އާންމުކޮށްފައިވާ އިއުލާނުގައި ވަނީ 1444 ވަނަ އަހަރުގެ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު، އާންމު ބަލީގެ ޑޮކްޓަރު ހެނދުނު 8 ން މެންދަމު 12 ޖަހަންދެން އިންނަވާނެ ކަމަށާއި ޚާއްސަ ބަލިތަކުގެ ޑޮކްޓަރު ހެނދުނު 8:30 ން މެންދުރު 2 ޖަހަންދެން އަދި މެންދުރު 12:30 ން ހަވީރު 4 ޖަހަންދެން ވެސް އިންނަވާނެ ކަމަށެވެ.

Ad
rt

ދަތުގެ ފަރުވާ ހެނދުނު 8:30 ން މެންދުރު 2 ޖަހަންދެން އަދި ރޭގަނޑު 8 ން 10 ޖަހަންދެން ދިނުމަށް ނިންމާފައިވާއިރު، ކޭއާރްއެޗުން ބުނީ ދަތުގެ ޑޮކްޓަރަށް މެމޯ ހަދައިދޭނީ ހެނދުނު 8 ޖަހާއިރުއާއި ހަވީރު 5 ޖަހާއިރު ކަމަށެވެ. އަދި ކެންސަލް މެމޯ ހަދައިދޭނީ ހެނދުނު 10:30 އާއި އިރުއޮއްސި 7 ޖަހާއިރު ކަމަށެވެ.

ހެނދުނުގެ ދަންފަޅީގައި ކިޔޫ ނަމްބަރު ދޫކުރަން ފަށާނީ 6 ޖަހާއިރު ކަަމަށް ވެސް ވަނީ ބުނެފައެެވެ. އަދި މެންދުރު ދަންފަޅީގެ ކިޔޫ ނަމްބަރު ދޫކުރަން ފަށާނީ 12 ޖަހާއިރު ކަމަށް ވެސް ބުނެއެވެ.

މީގެ އިތުރުން ހެނދުނުގެ ދަންފަޅީގައި މެމޯ ހަދަން ފަށާ ގަޑިއަކީ 8 ޖަހާއިރު ކަމަށް ނިންމާފައިވާއިރު، މެންދުރުގެ ދަންފަޅީގައި މެމޯ ހަދަން ފަށާނީ 12 ޖަހާއިރުއެވެ. އަދި ކެންސަލް ކިޔޫ ނަމްބަރު ހެނދުނު 6 ޖަހާއިރު އާއި މެންދުރު 12 ޖަހާއިރު ހަދާއިރު، މެމޯ ހަދާނީ 10:30 އަދި މެންދުރު 2 ޖަހާއިރުއެވެ.

އެ ހޮސްޕިޓަލުން ބުނީ އުފަންވެނި ކުދިންނަށް ޚިދުމަތް ދިނުމަށް ނިންމާފައިވަނީ ހެނދުނު 8:30 ން މެންދުރު 2 ޖަހަންދެން ކަމަށާއި ބޭސް އެޅުމާއި އިންޖެކްޝަން ޖެހުމުގެ ޚިދުމަތް ހެނދުނު 9 ން ރޭގަނޑު 9 ޖަަހަންދެން ދޭނެ ކަމަށެވެ. އަދި ޑައިލިސިސްގެ ޚިދުމަތް ބޭނުންވާ ފަރާތްތަކަށް ހެނދުނު 8 ން ރޭގަނޑު 8 ޖަހަންދެން ޚިދުމަތް ދޭއިރު، ހަންހާރަ ކުލިނިކު ހެނދުނު 9:30 ން މެންދުރު 12:30 އަށް ލިބޭނެ ކަމަށް ވެސް ބުނެއެވެ.

ހަމަމިއާއެކު ތުއްތުކުދިންނަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ބުރާސްފަތި ދުވަހެއްގެ ހެނދުނު 10 ން 11 ޖަހަންދެން ކަމަށާއި ހަށިހެޔޮ ކުލިނިކުގެ ޚިދުމަތް ދޭނީ ކޮންމެ ހޯމަ ދުވަހެއްގެ ހެނދުނު 9:30 ން މެންދުރު 12:30 އަށް ކަމަށް ވެސް ވަނީ ނިންމާފައެވެ.

ކޭއާރްއެޗުން އިތުރަށް ބުނީ އެޕޮއިންޓުމެންޓު ހަދައިދޭނީ ހެނދުނު 6 ން ހަވީރު ޖަހަންދެން 6528864 ނަމްބަރު ފޯނުން ކަމަށާއި ލެބޯޓަރީގެ ޚިދުމަތް ރަމަޟާން މަހު ދޭނީ ހެނދުނު 8 ން އިރުއޮއްސި 6 ޖަހަންދެން ކަމަށެވެ. އަދި އެކްސްރޭގެ ޚިދުމަތް ހެނދުނު 8 ން ރޭގަނޑު 10 ޖަހަންދެން ދިނުމަށް ނިންމާފައިވާއިރު، އެމްއާރްއައި ގެ ޚިދުމަތް ދޭނީ ހެނދުނު 8:30 ން ހަވީރު 5:30 އަށް ކަމަށް ވެސް ބުނެއެވެ.

ފިޒިއޮތެރަޕީގެ ޚިދުމަތް ހެނދުނު 8 ން އިރިއޮއްސި 6 ޖަހަންދެން އަދި ސްޕީޗް ތެރަޕީގެ ޚިދުމަތް ހެނދުނު 8 ން މެންދުރު 2 ޖަހަންދެން ދޭނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

ކޭއާރްއެޗުން ބުނީ އިދާރީ އޮފީސް ހެނދުނު 9 ން މެންދުރު 1 ޖަހަންދެން ހުޅުވާފައި ހުންނާނެ ކަަމަށާއި އިމަޖެންސީކޮށް ފޯރުކޮށްދޭ ޚިދުމަތްތައް 24 ގަޑިއިރު ފޯރުކޮށްދޭނެ ކަމަށެވެ.