ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ބުރުގެ ފުރަތަމަ ލެގުގައި ރޭ ޔުވެންޓަސްއާއި ފްރެއިބާގް ބައްދަލުކުރި މެޗު ޔުވެންޓަސް އިން ކާމިޔާބު ކޮށްފިއެވެ.
ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި ޓީމް ބައްދަލުވުމަށް ލަހުން އައުމާއި ގުޅިގެން ޔުވެންޓަސްގެ ފްރާންސް މިޑްފީލްޑަރ ޕޮގްބާ ވަނީ ރޭ މެޗަށް އެކުލަވާލި ޓީމުން ބާކީ ކޮށްފައެވެ.
މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ޕޮގްބާ އަލުން ޔުވެންޓަސްއާއި ގުޅިފައި ވަނީ މިދިޔަ އަހަރުގެ ހޫނު މޫސުމުގައެވެ. ޔުވެންޓަސްއަށް ބަދަލުވެ ކަކުލުގެ އޮޕަރޭޝަނެއް ކުރަން ޖެހުމާއިއެކު ފާއިތުވި ދިހަ މަސްދުވަހު އޭނާ ހުރީ ކުޅުމާއި ދުރުގައެވެ. އަނިޔާއިން ރަނގަޅުވެ ޔުވެންޓަސްއަށް އެންމެ ފުރަތަމަ މެޗެއް ކުޅެފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.
ފާއިތުވެދިޔަ ހަތާވީހަކަށް އަހަރު ޔުވެންޓަސްއަށް ޔޫރަޕްގެ ތައްޓެއް ކާމިޔާބު ކުރެވިފައިނުވާއިރު، އެ ޓީމުން އަންނަނީ މި އަހަރުގެ ޔޫރޮޕާ ލީގެ ކާމިޔާބުކޮށް އެ އިންތިޒާރަށް ނިމުން ގެނައުމަށް މަސައްކަތް ކުރަމުންނެވެ. އެންމެ ފަހުން ޔުވެންޓަސް ޔޫރަޕްގެ މުބާރާތެއް ކާމިޔާބު ކޮށްފައި ވަނީ 1996 ވަނަ އަހަރުއެވެ. ޔުވެންޓަސް އިން ވަނީ އެ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައެވެ.
ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 53 ވަނަ މިނެޓުގައި ކޮސްޓިޗް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ، މި ސީޒަންގައި ޔުވެންޓަސްއަށް މުހިންމު ލަނޑުތަކެއް ޖަހައިދެމުން އަންނަ ޑިމާރިއާއެވެ.
މި ދެ ޓީމް ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު ކުޅޭނީ ފްރެއިބާގްގެ ދަނޑުގައެވެ. އެ މެޗު ކުޅޭނީ އަންނަ އަންނަ ބުރާސްފަތި ދުވަހުގެ ރެއެވެ. މެޗު ފަށާނީ ރާއްޖޭ ގަނޑިން 22:45 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!