ހިއުމަން ރައިޓްސް ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް މޮނިޓަރިންގ ޒިޔާރަތެއް ކޮށްފިއެވެ.
މި މާރޗު މަހުގެ 5 ން 6 ގެ ނިޔަލަށް ކުރި މި ޒިޔާރަތުގެ މަގުސަދަކީ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުގައި ތަހުގީގަށް ބަންދުކުރެވޭ މީހުން ބަންދުގައި ބައިތިއްބާއިރު އެ މީހުންނާއި ދޭތެރޭ އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯބެލުމެވެ. އަދި ރާއްޖޭގައި ލިބިދީފައިވާ އިންސާނީ ހައްޤެއް ގެއްލޭފަދަކަމެއް ހިނގާތޯބެލުމެވެ.
މީގެ އިތުރުން ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުގައި ބަންދުގައިތިބޭ 18 އަހަރުން ދަށުގެ ކުދިންނާމެދު ޢަމަލުކުރަމުންދާގޮތާއި، އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯބެލުން ވެސް ހިމެނެއެވެ. އަދި ރާއްޖޭގައި ލިބިދީފައިވާ އިންސާނީ ހައްޤެއް ގެއްލޭފަދަކަމެއް ހިނގާތޯބެލުމާއި ބަންދުގައި ތިބޭ ފަރާތްތަކާއި މުވައްޒަފުންނަށް ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި ބައިނަލްއަޤްވާމީ މިންގަނޑުތަކުން ލިބިދޭންޖެހޭ ޙައްޤުތައް ކަށަވަރުކުރެވިފައިވާ މިންވަރު ދެނެގަތުން ވެސް ހިމެނެއެވެ.
ހަމަމިއާއެކު އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޙާލަތު ދެނެގަތުމާއި، މުވައްޒަފުންނަށް މަސައްކަތްކުރުމަށް ދިމާވާ ދަތިތައް ދެނެގަނެ ޕޮލިސް ސްޓޭޝަނުގެ މާއްދީ ހާލަތާއި އާއްމު ހާލަތު ދެނެގަތުމަކީވެސް މި ޒިޔާރަތުގެ މަގުސަދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އެޗްއާރްސީއެމް އިން ވިދާޅުވީ މި ޒިޔާރަތުގައި ފާހަގަކުރެވުނު ކަންތައްތައް ހިމެނޭ ރިޕޯޓެއް ދިވެހި ފުލުހުންގެ ޚިދުމަތަށާއި ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ކަންކަމާއި، ހުށަހަޅާފައިވާ ހުށަހެޅުންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކަމާގުޅޭ އެންމެހައި އިދާރާތަކާއެކު ބައްދަލުވުންތައް ބާއްވައި ރިޕޯޓުތަކުގެ ހުށަހެޅުންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށް، ލިޔުމުން ޤަވާއިދުން ފޮލޯ-އަޕް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް އެން.ޕީ.އެމް އިން މިހައިތަނަށް 4 ޒިޔާރަތްކޮށްފައި ވެއެވެ. އެގޮތުން، 2012، 2014، 2015 އަދި 2017 ވަނަ އަހަރު ޒިޔާރަތްކޮށްފައިވާއިރު، މީގެ ތެރެއިން 3 ޒިޔާރަތަކީ މޮނިޓަރިންގ ޒިޔާރަތެވެ. އަދި 1 ޒިޔާރަތަކީ (2014 ވަނަ އަހަރުގެ ޒިޔާރަތް) ފޮލޯ-އަޕް ޒިޔާރަތެކެވެ.
Ad
rt