ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ފަލަސްޠީނުގެ ރައީސް، ޑރ. މަޙްމޫދު ޢައްބާސްއާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
މިހާރު ކުރިޔަށްދާ އދ. ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ 5 ވަނަ ކޮންފަރެންސްގެ ހަވާސާގައި ކުރިއަށް ގެންދެވި މިބައްދަލުކުރެއްވުމާއި ގުޅޭގޮތުން ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅުގައި ވަނީ، ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަން ދައުލެތެއް ޤާއިމް ކުރުމަށާއި، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި، ދިވެހިސަރުކާރާއި ރައްޔިތުން، އެއްބާރުލުންދީ އެހީތެރިވެދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ރައީސް އޮފީހުން ވިދާޅުވިގޮތުގައި، މީގެ އިތުރުން ރައީސް ޞާލިޙް ވަނީ، ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ހޯއްދަވައި ދެއްވުމަށް ވަކާލާތު ކުރުމުގައި ދިވެހިރާއްޖެއިން ދެމި އޮންނާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މިބައްދަލު ކުރެއްވުމުގައި ދެބޭފުޅުން ވަނީ، ދެޤައުމުގެ މެދުގައި ޘަޤާފީ ގުޅުންތައް ބަދަހިކުރެއްވުމާއި ގުޅޭ ގޮތުންވެސް މަޝްވަރާކުރައްވާފައިކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ފަލަސްޠީނުގެ ރައީސް ޑރ މަޙްމޫދު ޢައްބާސް ވަނީ، ފަލަސްޠީނަށާއި ފަލަސްޠީނުގެ ރައްޔިތުންނަށް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ދިވެހި ސަރުކާރުން އަދި ދިވެހިރައްޔިތުން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ޝުކުރުއަދާކުރައްވާފައެވެ.
ރައީސް ޞާލިޙް ލަސްޠީނުގެ ރައީސް، ޑރ. މަޙްމޫދު ޢައްބާސްއާއި މިއަދު ބައްދަލު ކުރެއްވިއިރު، އޭގެ ކުރިން ވަނީ ސޭޝެލްސްގެ ރައީސް. ވޭވަލް ރަމްކަލަވަންއާ ބައްދަލު ކުރައްވާފައެވެ. އަދި އިއްޔެ ވަނީ އ.ދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވާފައެވެ.
އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ އދ.ގެ ފަސް ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ޞާލިޙް ޤަޠަރުގެ ވެރިރަށް ދޯހާއަށް ވަޑައިގެންނެވީ ހޮނިހިރު ދުވަހުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!