ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު، ތ.ހިރިލަންދޫގައި ފެނަކަ ކޯޕަރޭޝަނުން އިމާރާތްކުރި އޮފީސް އިމާރާތް ރަސްމީގޮތުން މިއަދު ހުޅުއްވައިދެއްވައިފިއެވެ.

މި އޮފީސް ހުޅުއްވައިދެއްވީ ރައީސް މިހާރު ހިރިލަންދުއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

Ad
rt

މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ޤައުމު ތަރައްގީ ވާނީ ރައްޔިތުން ތަރައްގީވެގެން ކަމަށާއި، ރަށްރަށުގައި އާއިލާތަކަށް ދިރިއުޅެވޭނެ ގޮތްތައް ހަމަޖެހިގެން ކަމަށެވެ. އެގޮތުން، މިސަރުކާރުން ތަރައްގީ ގެނައުމުގައި ވަކިރަށެއް ތަފާތު ނުކުރާ ކަމަށާއި ހިރިލަންދޫގެ ތަރައްގީއަށް ކުރެވުންދާ ކަންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ކަރަންޓްގެ ހާލަތުގެ މައްޗަށް ބައްލަވާލައްވައި ރައީސް ވިދާޅުވީ، މިގެ ކުރިން ރާއްޖޭގެ ރަށްރަށުގެ ކަރަންޓްގެ ޙާލަތު އޮތީ އެންމެ އެކަށީގެންވާ ގޮތެއްގައި ނޫންކަމަށެވެ. އެހެން ނަމަވެސް މިސަރުކާރުން ރާއްޖޭގެ ރަށްރަށުގެ ކަރަންޓްގެ ޙާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށް، ހިރިލަންދޫގެ ކަރަންޓްގެ ޙާލަތުވެސް ރަނގަޅު ކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަލަށް ހުޅުވުނު އިންޖީނުގޭގެ އޮފީސް އިމާރާތާއެކު މުވައްޒަފުންނަށް ފަސޭހަތަކާއި، ޚިދުމަތްތައް ފުރިހަމަ ވެގެންދާނެ ކަންވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން އަލަށް ހުޅުވުނު އޮފީސް އިމާރާތުގެ ހުރިހާ މަސައްކަތެއްވެސް ކޮށްފައި ވަނީ ހިރިލަންދޫގެ ރައްޔިތުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރާއްޖެ ތަރައްގީކުރެވެމުން އައި ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ، ރާއްޖެއަށް ލިބެމުން އައި އާމްދަނީއާ އަޅާބަލާއިރު މީގެކުރިން ރާއްޖެ އޮތީ ތަރައްގީވާންވީ މިންވަރަށް ތަރައްގީ ނުވެކަމަށެވެ. މިގޮތުން މިސަރުކާރު އައިއިރު ރާއްޖޭގެ ގިނަ ރަށްރަށުގައި ފެނާ ނަރުދަމާ އާއި ކަރަންޓް ފަދަ އެންމެ އަސާސީކަންކަންވެސް ފުރިހަމަވެފައި ނެތްކަން ފާހަގަކުރެއްވިއެވެ.

ހިރިލަންދޫގައި ފެނަކަ ކޯޕަރޭޝަނުން އިމާރާތް ކުރި، އޮފީސް އިމާރާތް ހުޅުއްވައި ދެއްވުމަށް ފަހުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެއިމާރާތް ބައްލަވާ ލައްވާފައެވެ.

މިއީ، 30 މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ ޖާގައިގެ ގޮތުން ތަނަވަސް އޮފީސް އިމާރާތެކެވެ. މިއީ ތ. އަތޮޅުގައި އިމާރާތް ކުރަމުންދާ 10 އޮފީސް އިމާރާތުގެ ތެރެއިން މަސައްކަތް ނިންމައި ރަސްމީކޮށް ހުޅުވުނު ފުރަތަމަ އޮފީސް އިމާރާތެވެ.