އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމާފައިވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓް، މިހާރުގެ ރައީސް، އިބްރާޙީމް މުޙައްމަދު ޞާލިޙަށް ރިޔާސީ އިންތިޚާބުގައި ތާއީދުކުރުމަށް އަދާލަތު ޕާޓީ (އޭޕީ) އިން މިއަދު ނިންމައިފިއެވެ.
އަދާލަތު ޕާޓީން މިގޮތައް ނިންމީ އަންނަ ރިޔާސީ އިންތިޚާބުގައި އެ ޕާޓީ ހިމަނައިގެން ގުޅިފައިވާ ސަރުކާރެއް އެކުލަވާލުމަށް ރައީސް ޞާލިޙް ދަޢުވަތު ދެއްވާފައިވާތީ، އެކަމާއި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގައި މަޝްވަރާ ހިންގުމަށްފަހުއެވެ.
އެކަން ބަޔާންކޮށް އަދާލަތުގެ މަޝްވަރާ މަޖިލީހުން ނެރުނު ބަޔާނުގައި ބުނެފައި ރިޔާސީ އިންތިޚާބަށް ރައީސް ޞާލިޙް އެކުލަވާލާ މެނިފެސްޓޯގައި އެ ޕާޓީގެ ހުށަހެޅުންތައް ހިމަނުއްވަން އެއްބަސްވެ ވަޑައިގެންފައިވާ ކަމަށެވެ.
އަދާލަތު ޕާޓީއަކީ މިހާރު ވެސް ރައީސް ޞާލިޙް ވެރިކަން ކުރައްވަމުން ގެންދަވާ އިއްތިހާދުގެ މުހިންމު ބައިވެރިއެކެވެ. މި ސަރުކާރުގެ ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވީ އަދާލަތުގެ ރައީސް ސައިޚް އިމްރާން އަބުދުﷲ އެވެ. އިސްލާމިކް މިނިސްޓަރަކަށް ހުންނެވީ އަދާލަތުގެ މަޝަވަރާ މަޖިލިސްގެ މެންބަރު ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ. ރައީސުލްޖުމްޙުރިއްޔާގެ ޗީފް އޮފް ސްޓާފަކީ އަދާލަތުގެ މަޝަވަރާ މަޖިލިސްގެ މެންބަރު އަލީ ޒާހިރެވެ.
އަދާލަތުގެ ތާއީދު ރައީސް ޞާލިޙަށް ދޭން ނިންމި އިރު އެ ޕާޓީގެ ނިންމުން އަންނާނީ އެގޮތައް ކަމަށް ކުރިން ވެސް އޮތީ ބެލެވިފައެވެ.
އަދާލަތުން ރައީސަށް ތާޢީދު ކުރަން ނިންމިއިރު، މިހާރު ވެރިކަން ހިންގާ އިއްތިހާދުގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން އަދި ރައީސަށް ތާއީދު ކުރުމާމެދު ގޮތެއް ނުނިންމައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!