ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެއްސީ) އިން ތަހްގީގުކުރި ހަތަރު ސުލޫކީ މައްސަލައެއް ސާބިތު ނުވާކަމަށް ނިންމައިފިއެވެ.

ޖޭއެސްސީން ވިދާޅުވިގޮތުގައި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ޤާނޫނުގެ ދަށުން އެ ކޮމިޝަނަށް ހުށަހެޅުނު ޝަކުވާތަކަކާއި ގުޅިގެން ތަހްގީގުކުރި ހަތަރު ސުލޫކީ މައްސަލައެއް ސާބިތުނުވާކަމަށް ވަނީ ނިންމާފައެވެ.

Ad
rt

އެ މައްސަލަތަކުގެ ތެރޭގައި ހިމެނީ އެ ކޮމިޝަނަށް ހުށަހެޅުނު ދެ ޝަކުވާއަކާއި ގުޅިގެން ތަހުގީގުކުރި ހައިކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދުގެ ސުލޫކީ ދެމައްސަލައާއި، ކްރިމިނަލް ކޯޓުގެ ޤާޟީ ޞަފްޢަތު ޙަބީބުގެ ސުލޫކީ މައްސަލައާއި، ސިވިލް ކޯޓުގެ ޤާޟީ މަރްޔަމް ވަޙީދުގެ ސުލޫކީ މައްސަލައެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަކީ، ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 157 ވަނަ މާއްދާގެ ދަށުން، 04 ސެޕްޓެމްބަރު 2008 ގައި އެކުލަވާލާފައިވާ މިނިވަން މުސްތަޤިއްލު ޝަޚްޞެކެވެ. މި ކޮމިޝަނާއި ޤާނޫނުއަސާސީގެ 159 ވަނަ މާއްދާ އާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން މަތިކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި އުއްތަމަފަނޑިޔާރާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުން ޢައްޔަންކުރުމުގައި ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމާއި، އުއްތަމަފަނޑިޔާރާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުން ޢައްޔަންކުރުމާއި އަދި މަޤާމުގެ ކުރިއެރުން ދިނުމާއި، ބަދަލުކުރުމާއި، ފަނޑިޔާރުންނާބެހޭގޮތުން އުފުލާ ޝަކުވާތައް ބަލައި، އެފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައާއި، މަޤާމުން ވަކިކުރާންޖެހޭ މީހުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން ހިމެނެއެވެ.

ޖޭއެސްސީގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައި ގަންނަވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސުޕްރިމްކޯޓުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން، އުއްތަމަފަނޑިޔާރު ފިޔަވައި އެކޯޓުން އިންތިޚާބުކުރައްވާ ފަނޑިޔާރަކާއި، ހައިކޯޓުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބުކުރައްވާ ފަނޑިޔާރަކާއި، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުތަކުން އިންތިޚާބު ކުރައްވާ ފަނޑިޔާރަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅުއްވާ މެންބަރަކާއި، އާންމުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާ ބޭފުޅަކާއި، ސިވިލްސަރވިސް ކޮމިޝަނުގެ ރައީސާއި، ރައީސުލްޖުމްހުރިއްޔާ ޢައްޔަން ކުރައްވާ ބޭފުޅަކާއި ދަޢުލަތުގެ ބަންޑާރަނައިބުގެ އިތުރުން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރެއްވުމުގެ ހުއްދަލިބިވަޑައިގެންފައިވާ ވަކީލުންގެ ތެރެއިން، އެބޭފުޅުން އިންތިޚާބުކުރައްވާ ވަކީލެކެވެ.