ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއިއަށް ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ވިދާޅުވިގޮތުގައި ނައިބު ރައީސްގެ މި ދަތުރުފުޅަކީ މިމަހުގެ 13 އިން 15 އަށް ޔޫއޭއީގެ ޑުބާއީ ގައި ބާއްވާ ވޯލްޑް ގަވަރމަންޓް ސަމިޓް 2023 ގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މުޅި އިންސާނިއްޔަތަށް ރަނގަޅު މުސްތަޤްބަލެއް ހޯދުމަށް އަމާޒުހިފާފައިވާ މައިގަނޑު 6 ތީމެއް ކަނޑައަޅައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މިއަހަރުގެ ސަމިޓުގައި ދުނިޔޭގެ އެކިކަންކޮޅުތަކުން ލީޑަރުންނާއި، ބައިނަލްއަޤްވާމީ މާހިރުންނާއި، ނިންމުންތައް ނިންމަވާ ފަރާތްތައް އެއްތަނަކަށް އެއްވެ، ޚިޔާލުބަދަލުކޮށް، މުސްތަޤްބަލަށް މުހިންމުވާނެ ތަރައްޤީގެ ސިޔާސަތުތަކާއި މޮޑެލްތައް އެކުލަވާލުމަށް ބޭނުންވާ ޚިޔާލާއި މަޝްވަރާތައް ކުރިޔަށްގެންދަވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
މި ސަމިޓުގެ ފިއުޗަރ އޮފް ވޯކް ފޯރަމްގައި ނައިބު ރައީސް ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައިވާއިރު، ދިވެހި ސަރުކާރާއި ޔޫއޭއީ ސަރުކާރާއި ދެމެދު މިދިޔަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން "މޯލްޑިވްސް ލީޑަރޝިޕް ޕްރޮގްރާމް" އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވެސް ނައިބު ރައީސް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ހާމަކުރައްވާފައެވެ.
ނައިބު ރައީސް ފައިސަލްގެ މި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!