އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިންތިޒާމުކޮށްގެން ބާއްވާ ޖަލްސާއެއް މިރޭ ބާއްވާގޮތައް ހަމަޖައްސައިފިއެވެ.
''ދުއްޕާން'' ނަމުގައި ބާއްވާ މިޖަލްސާ ބާއްވަން ނިންމާފައި ވަނީ މިރޭ 20:30 ގައި ވެރިރަށް މާލޭގެ އާޓިފިޝަލް ބީޗްގައެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ޖަލްސާއެއް ބާއްވަން ނިންމާފައިވާއިރު، މި ހަފްތާ ބަންދަކީ އެ ކޯލިޝަންގެ ސިޔާސީ ހަރަކާތްތައް ވަރަށް ވަރުގަދަ ހަފްތާ ބަންދެކެވެ. މިގޮތުން ބުރާސްފަތި ދުވަހުގެ މެންދުރުފަހުން ފެށިގެން އެ ކޯލިޝަނުން 1000 އަށްވުރެ ގިނަ ބައިވެރިންނާއެކު ''ހޯޕް ކޮންފަރެންސް'' އެއް މިހާރު ފަށައިގެން ކުރިއަށްގެންދާއިރު އެ ކޮންފަރެންސް ނިމޭނީ މިއަދުގެ ނިޔަލަށެވެ.
Hope Conference #HopeConference #FreePresidentYameen #RY2023#HaraanHukum pic.twitter.com/C1yCCBezs2
— Progressive Party of Maldives (@ProgressPartyMV) February 2, 2023
މީގެ އިތުރުން އިއްޔެ ގިނަ އަދަދެއްގެ އިދިކޮޅުގެ ސަޕޯޓަރުންނާއެކު ވަނީ ''ބުންވަރު''ގެ ނަމުގައި ބޮޑު ހިނގާލުމެއް ވެސް ވެރިރަށް މާލޭގައި ކުރިއަށް ގެންގޮސްފައެވެ.
މި ހުރިހާ ހަރަކާތެއްގެ ވެސް އިދިކޮޅުގެ އިސްކޮށްފައި ވަނީ ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު، ކުރީގެ ރައީސް، ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް މިނިވަންކުރުމަށް އެދި ގޮވައިލުމެވެ.
Hope Conference | Bunvaru Hingaalun#HOPEconference#RY2023#FreePresidentYameen#BunvaruHingaalun pic.twitter.com/7Y0veF4uUN
— Progressive Party of Maldives (@ProgressPartyMV) February 3, 2023
ރައީސް ޔާމީންނަކީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓެވެ.
ވ. އާރަށް މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ވަނީ ޙުކުމް ކޮށްފައެވެ. އެ މައްސަލާގައި ޔާމީންގެ މައްޗަށް އިއްވީ 11 އަހަރުގެ ޖަލު ހުކުމަކާ އެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެކެވެ. ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމް ދެމި އޮތްހާ ހިނދު އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް ވަނީ ގެއްލިފައިވާއިރު، އިދިކޮޅު ކޯލިޝަނުން ބުނަމުން އަންނަނީ ވޯޓު ކަރުދާސްކޮޅުގައި ރައީސް ޔާމީންގެ ނަންފުޅު އޮންނާނެ ކަމަށެވެ.
އެ ޙުކުމަށްފަހު އިދިކޮޅުން އަންނަނީ ސިލްސިލާ މުޒާހަރާތައް ވެސް ބާއްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!