ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ހޯޕް ކޮންފަރެންސް މިއަދު މެންދުރު ފަށާނެއެވެ.
މިއަދު މެންދުރު 1 ޖަހާއިރު ފަށާ މި ކޮންފަރެންސް މި ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ބުނީ ދަރުބާރުގޭގައި މި ކޮންފަރެންސް ރަސްމީކޮށް ފެށުމަށްފަހު، ކުރިއަށްދާނީ ކޮންފަރެންސްގެ ސެޝަންތައް ކަމަށެވެ. އަދި ހުކުރު ދުވަހު ހަވީރު 3:45 ގައި ކޮންފަރެންސްގެ ތެރެއިން ކުރިއަށްދާ "ބުންވަރު ހިނގާލުން" ޕީޕީއެމް އޮފީސް ދޮރުމަތިން ފެށިގެން ކުރިއަށްދާނެ ކަމަށެވެ.
މީގެ އިތުރުން ހުކުރު ދުވަހުގެ ރެއާއި ހޮނިހިރު ދުވަހު ވެސް ކޮންފަރެންސްގެ ސެޝަންތައް ކުރިއަށް ގެންދާއިރު، ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ހޮނިހިރު ދުވަހު ރޭގަނޑު 08:39 ގައި އާޓިފިޝަލް ބީޗުގައި ކަމަށް ވެސް އެ ކޯލިޝަނުން ބުނެއެވެ.
އެ ކޯލިޝަނުން އިތުރަށް ބުނީ 1000 އަށްވުރެ ގިނަ މަންދޫބުން ރަޖިސްޓަރ ކޮށްފައިވާ މި ކޮންފަރެންސްގައި ދާއިރާ ރައީސުންނާއި ދާއިރާ ނައިބު ރައީސުންނާއި ޒުވާނުންގެ ރައީސުން ހިމެނޭ ކަމަށެވެ. އަދި އަންހެނުންގެ ރައީސުންނާއި ސެނެޓަރުންނާއި ކައުންސިލަރުން އަދި ޑަބްލިއުޑީސީ މެމްބަރުންވެސް ހިމެނޭ ކަމަށް ބުނެއެވެ.
މީގެ އިތުރުން ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން މި މަހާސިންތާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!