ފްރާންސް ލީގުގައި ރޭ ޕީއެސްޖީއާއި މޮންޓެޕިއޭ ބައްދަލުކުރި މެޗު ޕީއެސްޖީން ކާމިޔާބުކުރި އިރު އެ ޓީމްގެ ތަރި އެމްބާޕޭއަށް އަނިޔާ ވެއްޖެއެވެ. ރޭ މޮންޓެޕިއޭގެ ދަނޑުގައި ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ.

މި މެޗުގެ ހަތްވަނަ މިނެޓުގައި މޮންޓެޕިއޭގެ އޭރިއާތެރެއިން ސާޖިއޯ ރާމޯސްއަށް ކުރި ފައުލަކާއި ގުޅިގެން ޕީއެސްޖީއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީ އެމްބާޕޭ ފޮނުވާލިއިރު މޮންޓެޕިއޭގެ ކީޕަރު ވަނީ މަތަކޮށްފައެވެ. ނަމަވެސް އެ ޕެނަލްޓީ ފޮނުވާލުމުގެ ކުރިން ކީޕަރު ގޯލު ލައިނަށްވުރެ ބޭރަށް ނުކުމެފައި ހުރުމުން އަލުން އެ ޕެނަލްޓީ ވަނީ ޖަހާފައެވެ. އެމްބާޕޭ ދެވަނަ ފަހަރަށް ޕެނަލްޓީ ފޮނުވާލިއިރު އެ ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ގޯލު ދަނޑީގައި ޖެހިފައި އޭރިއާތެރެއަށް އައި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލަން އެމްބާޕޭއަށް ލިބުނު ނަމަވެސް އޭނާއަށް އެ ބޯޅަ ގޯލާއި ދިމާކޮށްލެވޭ ގޮތެއް ނުވިއެވެ.

Ad
rt

އެމްބާޕޭއަށް އަނިޔާވެ މެޗުގެ 20 ވަނަ މިނެޓުގައި އޭނާ ބަދަލުކުރިއިރު، އެމްބާޕޭއަށް ސީދާ ލިބިފައި ވަނީ ކޮންކަހަލަ އަނިޔާއެއް ކަމެއް ޔަގީނެއް ނޫނެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ޕީއެސްޖީގެ ކޯޗް ގަލްޓިއާ ބުނެފައި އެމްބާޕޭއަށް ލިބިފައިވާ އަނިޔާ އަދި ޔަގީން ނުކުރެވޭ ކަމަށާއި ލަފާކުރެވޭ ގޮތުގައި އޭނާގެ ފަލަމަސްގަނޑުގެ ދަށަށް ނުވަތަ ކަކުލުގެ ދަށަށް އަނިޔާވެފައިވާ ކަމަށެވެ. ގަލްޓިއާ އިތުރަށް ބުނެފައި ވަނީ އޭނާއަށް ލިބިފައިވާ އަނިޔާ ޖެހޭނީ އިތުރަށް ބަލަންކަމަށާއި އެއީ މާ ސީރިއަށް އަނިޔާއެއްކަމަށް ނުބެލެވޭ ކަމަށެވެ. ފުރަތަމަ ހާފުގައި އެ ޓީމްގެ ޑިފެންޑަރ ސާޖިއޯ ރާމޯސްގެ ބޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ވެސް ވަނީ ބަދަލުކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި މޮންޓެޕިއޭގެ އޭރިއާތެރެއިން ލިބުނު ބޯޅައަކުން މެސީ ލަނޑެއް ޖެހި ނަމަވެސް އެ ބޯޅަ ލިބުނުއިރު އޭނާ އޮފްސައިޑްގައި ހުރުމުން ވީއޭއާރުން ބެލުމަށް ފަހު ވަނީ އެ ލަނޑު ކެންސަލް ކޮށްފައެވެ.

ޕީއެސްޖީން މެޗުގެ ފުރަތަމަ ލަނޑު ޖަހާފައި ވަނީ މެޗުގެ 55 ވަނަ މިނެޓުގައެވެ. މި ލަނޑު ހޫގޯ އެކިޓިކޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ފަބިއަން ރުއިޒްއެވެ.

ޕީއެސްޖީގެ ދެވަނަ ލަނޑު 72 ވަނަ މިނެޓުގައި ފަބިއަން ރުއިޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ މެސީއެވެ. މިއީ މެސީ މި ސީޒަންގައި ޖެހި 14 ވަނަ ލަނޑެވެ. އޭނާ ވަނީ މިހާތަނަށް 14 ލަނޑު ޖެހުމަށް އެސިސްޓް ވެ

މޮންޓެޕިއޭއިން މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެންމެ މިނެޓަކަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދީފައި ވަނީ އާނައުޑް ނޯޑިންއެވެ. މި ލަނޑު އޭނާ ޖަހާފައި ވަނީ މަވިޑީޑީގެ އެހީތެރިކަމާއި އެކުގައެވެ.

މެޗުގައި ޕީއެސްޖީއަށް ތިންވަނަ ލަނޑު އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބު ކޮށްދީފައި ވަނީ އުމުރުން އެންމެ 16 އަހަރުގެ ޒާހިރް އެމެރީއެވެ. މި ލަނޑު އޭނާ ޖަހާފައި ވަނީ ހަކީމީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ.

މި މޮޅާއިއެކު ޕީއެސްޖީއަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި ފަސް ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެ ޓީމަށް 21 މެޗުން ވަނީ 51 ޕޮއިންޓް ލިބިފައެވެ. މެޗުން ބަލިވި މޮންޓެޕިއޭ މިވަގުތު އޮތީ ތާވަލުގެ 14 ވަނާގައެވެ. އެ ޓީމަށް 21 މެޗުން ލިބިފައި ވަނީ 20 ޕޮއިންޓެވެ.