ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައ ިނާކާމިޔާބުވެވަޑައިގެންނެވިކަން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގަބޫލުފުޅު ކުރައްވައިފިއެވެ.

ރައީސް ނަޝީދު ބަލި ގަބޫލުކުރެއްވިކަމަށް ވިދާޅުވެފައިވަނީ މިއަދު ހެނދުނު އެމްޑީޕީގެ ރަސްމީ ވަޓްސްއެޕް ގުރޫޕުތަކަށް ފޮނުއްވި މެސެޖެއްގައެވެ.

Ad
rt

އެ މެސެޖުގައި ވިދާޅުވެފައިވަނީ އިންތިޚާބުގެ އޮޅުވާލުންތައް އެއްކިބާ ކޮށްފިނަމަ، ރައީސް ސާލިހަށް ލިބުނުކަމަށް ބުނާ ވަރަށްގިނަ ވޯޓު އުނިވާނެ ކަމަށެވެ.

"އެހެނަސް އަޅުގަނޑު ލަފާކުރަނީ ވޯޓުލީ، ވޯޓަރސް ލިސްޓަށް ބަލައިފިނަމަ ކުޑަފަރަގަކުން ރައީސް ސާލިހު މޮޅުވެދާނެ ކަމަށް. އެހެންވިޔަސް އަޅުގަނޑަށް ފެންނަގޮތުގައި ރައީސް ސާލިހާއެކު ގޮސް 2023 ގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަކަށް ކާމިޔާބެއް ނުކުރެވޭނެ." ނަޝީދުގެ މެސެޖުގައި ވެއެވެ.

މީގެ އިތުރުން 'ފިކުރެއްގެ ދިރުން' ނަމުގައި އެމްޑީޕީގެ ގޮފިތައް ހުރިހައި ރަށެއްގައި ވެސް އަލުން ހަދައި، ކަނޑާލި 39،000 އަށް ވުރެ ގިނަ މީހުން އަލުން އެމްޑީޕީ އާ ގުޅި، އެމީހުންނާއެކު، ފެންނަގޮތެއް ނިންމުމަށް ފެންނަކަމަށް ވެސް ނަޝީދު ވަނީ ހުށަހަޅުއްވާފައެވެ. އަދި ފިކުރެއްގެ ދިރުންގެ ފަރާތުން ތާއީދުކުރާ ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅާނީ ފަހުން ކަމަށެވެ.

ހަމަމިއާއެކު ރިޔާސީ އިންތިޚާބުގެ ކުރިއަށް ޕާލިމެންޓަރީ ނިޒާމަށް ބަދަލުކުރުމަށް އެއްބަސްވާ ކެންޑިޑޭޓަކީ ތާއީދުކުރަން ފަސޭހަވާނެ ކެންޑިޑޭޓެއް ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މި ޖެނުއަރީ މަހުގެ 28 ވީ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވީ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ.

ވޯޓުލުން ކުރިއަށް ދިޔައިރު، ބައެއް ފޮށިތަކަށް ވޯޓަރސް ލިސްޓުގައި ނަން ނެތް މީހުން ވޯޓު ލަމުންދާތީ، އެކަމުގެ ހިތްހަމަ ނުޖެހުން ފާޅުކޮށް ބައެއް ފޮށިތައް ބަހައްޓާފައިވާ ސަރަހައްދުތަކުގައި ހަމަނުޖެހުން ވެސް ވަނީ ހިންގާފައެވެ. އަދި އެ ހަމަނުޖެހުމާއި ގުޅިގެން ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ވަނީ ގެންގޮސްފައެވެ.

ހަމަނުޖެހުންތަކާއި ގުޅިގެން އިބުރޭ ވިދާޅުވެފައިވަނީ އިންތިޚާބަކީ ވަރަށް އިންސާފުވެރިކޮށް ކުރިޔަށްދިޔަ އިންތިޚާބެއް ކަމަށެވެ.

ދެތިން ރަށެއްގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިނގިނަމަވެސް، އެ ރަށްރަށުގައި ވެސް ޖެހުނު މައްސަލަތައް ހަލުކޮށް ވޯޓުލުން ކުރިޔަށް ގެންދެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރައީސް ސާލިހަށް 24،573 ވޯޓު ލިބިލެއްވިއިރު، ނަޝީދަށް ލިބިލެއްވީ 15،631 ވޯޓެވެ.

އިންތިޚާބާބެހޭ ކޮމިޓީން އާންމު ކުރި ވަގުތީ ނަތީޖާގައި ވާގޮތުން މި އިންތިޚާބުގައި ވޯޓު ލާފައިވަނީ 40،887 މެމްބަރުންނެވެ. އެއީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ މެމްބަރުން 71.41 އިންސައްތަ މީހުންނެވެ.

މި އިންތިޚާބުގައި 680 ބާތިލް ވޯޓު ލާފައިވާއިރު ސައްހަ ވޯޓުގެ ގޮތުގައި ލާފައިވަނީ 40،207 ވޯޓެވެ.

އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު، ރައީސް ސާލިހުއަށް ލިބިލެއްވީ 61.10 އިންސައްތަ ވޯޓެވެ. ނަޝީދަށް ލިބިލެއްވީ 38.9 އިންސައްތަ ވޯޓެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ރިޔާސީ ޓިކެޓް ހަވާލުކުރުން އަންނަ ފެބްރުއަރީ މަހުގެ މެދުތެރޭގައި ބާއްވާނެ ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ޗެއާރޕަރސަން އިބްރާހިމް ވަހީދު (އެންސްޕާ އިބުރޭ) ވަނީ ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ފަސްވަރަކަށް ދުވަހުގެ ތެރޭގައި ރަސްމީ ނަތީޖާ އިއުލާން ކުރާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.