ދިވެހި ފަންނާނުން ހާއްސަކޮށް ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ކުރަމުން އައި ދިގު އިންތިޒާރުގެ ނިމުން ގެނެސް، މި ފެށޭ ފެބްރުއަރީ މަހު އޮލިމްޕަސް ހުޅުވާނެ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާ އިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން ވިދާޅުވީ އޮލިމްޕަސް ހުޅުވައިދެއްވާނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކަމަށެވެ.
ފެބްރުއަރީ މަހުގެ 4 ވާ ހޮނިހިރު ދުވަހުގެ ރޭ، އޮލިމްޕަސް ހުޅުވުމަށް ބާއްވާ މި ރަސްމިއްޔާތުގައި މުނިފޫނިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާގައި ކުރިން މަސައްކަތްކޮށްފައިވާ ފަރާތްތަކާއި މިހާރު ވެސް މަސައްކަތްކުރަމުންދާ ފަރާތްތައް ބައިވެރިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން އޮލިމްޕަހަށް ގެނެވިފައިވާ ބަދަލުތަކާއި، އަދާހަމަކުރެވިފައިވާ ވަޞީލަތްތައް ދައްކާލުމަށް 5 ފެބްރުއަރީ 2023 ވާ އާދީއްތަ ދުވަހު އާންމުކޮށް މީޑީއާތަކަށް ހުޅުވާލައިގެން ޓުއަރއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ވެސް އެ ވުޒާރާ އިން ވަނީ ވިދާޅުވެފައެވެ.
މާލޭގައި އަދި ރާއްޖޭގައި ވެސް ހުރި އެންމެ ގިނަދުވަސްވީ ސިނަމާ ކަމަށްވާ އޮލިމްޕަސް ބަންދުކޮށްފައިވަނީ، 2020 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި ކޮވިޑު ބަލީގެ ސަބަބުންނެވެ. އަދި އެއަށްފަހު، އެތަން މަރާމާތުކޮށް ބޮޑެތި ބަދަލުތަކެއް ވެސް ވަނީ ގެނެސްފައެވެ.
އޮލިމްޕަސް ނުހުޅުވި ގިނަ ދުވަސްތަކެއް ފާއިތުވެފައިވާއިރު، އަދި ހުޅުވުމަށް އެކި ތާރީހުތަކެއް ވެސް ވަނީ ދީފައެވެ. އެހެންނަމަވެސް އެ ތާރީހުތައް ފަހަނައަޅައި ދިޔަ އިރު، އޮލިމްޕަސް ނުހުޅުވުމުން ގިނަ ބައެއްގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފައެވެ.
އޮލިމްޕަސް އަލުން ހުޅުވާއިރު ފެބުރުއަރީ މަހު އެންމެ ފުރަތަމަ އެޅުވުމަށް ނިންމާފައިވަނީ ޑާކް ރެއިން އެންޓަރޓެއިންމެންޓުގެ ދިވެހި ފިލްމް "ބީވީމާ" އެވެ. އޮލިޕަސް ހުޅުވާ ހަފްތާގައި މި ފިލުމު ރިލީޒްކުރުމަށް ނިންމާފައިވާއިރު، ފުރަތަމަ ޝޯގެ ޓިކެޓު މިހާރު ވަނީ ވިކި ހުސްވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!