މިއަދު ކުރިއަށްދިޔަ ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގައި ހދ. ނޮޅިވަރަންފަރުގެ 100 އިންސައްތަ ވޯޓު ރައީސް ޞާލިޙަށް ލިބިވަޑައިގެންފިއެވެ.
އެމްޑީޕީން މިހާތަނަށް އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން ނޮޅިވަރަންފަރުން ވޯޓުލީ 40 މީހުން ވެސް ވޯޓު ލާފައި ވަނީ ރައީސް ޞާލިޙަށެވެ.
އެ ދާއިރާގައި ހިމެނޭ ނޮޅިވަރަމްގެ ނަތީޖާއަށް ބަލާއިރު އެރަށުން ވެސް ކުރި ހޯއްދެވީ ރައީސް ޞާލިޙެވެ. އެރަށުން ޞާލިޙަށް 108 ވޯޓު ލިބިވަޑައިގެންނެވިއިރު، ނަޝީދަށް ލިބިވަޑައިގަތީ 108 ވޯޓެވެ.
މުޅި ނޮޅިވަރަމް ދާއިރާއިން ރައީސް ޞާލިޙް ވަނީ 77 އިންސައްތަ (148 ވޯޓު) ކާމިޔާބު ކުރަށްވާފައެވެ. އެ ދާއިރާއިން ނަޝީދަށް ލިބިވަޑައިގަތީ 23 އިންސައްތަ (45) ވޯޓެވެ.
މި އިންތިޚާބުގައި މިހާތަނަށް ސާފުވި ނަތީޖާ ކަމަށް އެމްޑީޕީން އާންމުކޮށްފައިވާ ނަތީޖާ އަށް ބަލާއިރު 63 އިންސައްތަ ވޯޓާއެކު ރައީސް ޞާލިޙް އުޅުއްވަނީ ކުރީގައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުން ފެށީ މިއަދު ހެނދުނު 9 ޖެހިއިރު އެވެ.
އެމްޑީޕީން ބުނެފައި ވަނީ މި އިންތިޚާބުގައި 200 އަށް ވުރެ ގިނަ ވޯޓު ފޮށި މާލެއާއި އަތޮޅުތަކުގައި ބަހައްޓާފައިވާ ކަމަށެވެ. އެއީ މާލެ ސަރަހައްދުގައި 49 ވޯޓު ފޮއްޓާއި އަތޮޅުތެރޭގައި 194 ވޯޓު ފޮށި ކަމަށް ވަނީ މައުލޫމާތު ދީފައެވެ.
އެ ޕާޓީން ޢާންމުކޮށްފައިވާ މި ރިޔާސީ ޕްރައިމަރީގައި ވޯޓު ލެވޭ މެންބަރުންގެ ވޯޓާސް ލިސްޓުގައި ވާގޮތުން 57،257 މެންބަރުންނަށް މި އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ ކަމަށް ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!