ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް މއ. މަނާގެ، ޢަލީ ފާއިޒު މިއަދު ޢައްޔަންކުރައްވައި އެމަނިކުފާނަށް މަޤާމުގެ ފަތްކޮޅު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސްރީލަންކާއަށް ދިވެހިރާއްޖެއިންް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް މިއަދު ޢައްޔަންކުރެއްވި، ޢަލީ ފާއިޒަކީ 2022 ވަނަ އަހަރު މިނިސްޓަރ އޮފް ފޮރިން އެފެއާޒުގެ ނައިބުކަމުގެ މަޤާމާއި، 2021 ވަނަ އަހަރު މޯލްޑިވްސް ޕޮލިސް ބޯޑުގައި މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
މީގެ އިތުރުން ފާއިޒު ވަނީ މީގެ ކުރިން ބ. އަތޮޅުގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވައި، މިފްކޯގެ މެނޭޖިން ޑިރެކްޓަރުކަމާއި، މީގެ އިތުރުން ވެސް ސަރުކާރާއި އަމިއްލަ ވިޔަފާރިތަކުގައި ގިނަ ދުވަސްތަކެއްވަންދެން ޚިދުމަތްކުރައްވާފައެވެ. އަދި 2012 ވަނަ އަހަރު ޢަލީ ފާއިޒު ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމުވެސް ފުރުއްވާފައެވެ.
ދިވެހިރާއްޖެއިން ސްރީ ލަންކާއަށް ކަނޑައަޅުއްވާ ސަފީރު ކަމުގެ މަޤާމަށް ފާއިޒު އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. ލަންކާގެ ސަފީރުކަމުގެ މަޤާމަށް ފާއިޒު އައްޔަން ކުރަން މަޖިލީހުން ރުހުން ދިނީ 62 މެމްބަރުންގެ ވޯޓުންނެވެ.
ލަންކާގެ ސަފީރުކަމުގެ މަޤާމަށް ފާއިޒު އައްޔަން ކުރެއްވީ، އެޤައުމުގެ ސަފީރުކަމުގެ މަޤާމުގައި ކުރިން ހުންނެވި އުމަރު އަބްދުއްރައްޒާގު ކިންގްޑަމް އޮފް ބެލްޖިއަމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް އައްޔަން ކުރެއވުމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!