އިޓާލިއަން ލީގުގައި ރޭ އޭސީ މިލާނާއި ލާޒިއޯ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް ލާޒިއޯ ޕޮއިންޓް ތާވަލުގެ ތިންވަނައަށް ޖެހިލައިފިއެވެ. ރޭ ލާޒިއޯގެ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ.
މި މެޗުގައި ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ލިބުނު ފުރުޞަތުތަކުގެ ބޭނުން ހިފައި ލާޒިއޯއިން ވަނީ ތަފާތު ދައްކާފައެވެ.
މެޗުގެ ވަރަށް ކުރީކޮޅު ލާޒިއޯއިން ވަނީ ލަނޑޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމްގެ ޒަކާނީ މިލާންގެ ގޯލު ކުރިމައްޗަށް ތިރިން ހުރަސްކުރި ބޯޅަ އެއްފަހަރުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ސަވިޗް އެވެ.
މެޗުގެ ދެވަނަ ލަނޑު 38 ވަނަ މިނެޓުގައި ލާޒިއޯއަށް ކާމިޔާބު ކޮށްދީފައި ވަނީ ޒަކާނީއެވެ. ޕެޑްރޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އެ ޓީމްގެ އެޑަމް މަރޫސިޗް ފޮނުވާލި ބޯޅަ މިލާނުގެ ގޯލުގެ ދަނޑިއަށް އަމާޒުވީއިރު، އެ ބޯޅަ ދަނޑީގައި ޖެހިފައި ނުކުތްވަގުތު ޒަކާނީ ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.
މެޗުގައި ތިންވަނަ ލަނޑު 67 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ ލުއިސް އަލްބާޓޯއެވެ. ލާޒިއޯއަށް މި ޕެނަލްޓީ ލިބިފައި ވަނީ އެ ޓީމްގެ އޭރިއާތެރެއިން ލާޒިއޯގެ ފޯވާޑް ޕެޑްރޯއަށް ކުރި ފައުލަކާއި ގުޅިގެންނެވެ.
މެޗުގައި ލާޒިއޯއިން ކާމިޔާބުކުރި ތިންވަނަ ލަނޑު 75 ވަނަ މިނެޓުގައި ލުއިސް އަލްބާޓޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އެންޑަސަންއެވެ.
ޕޮއިންޓް ތާވަލުގެ ދެވަނާގައި އޮތް މިލާން ބަލިވުމުން އެއްވަނާގައި އޮތް ނަޕޯލީން ވަނީ އެއްވަނާގައި ބާރަ ޕޮއިންޓްގެ ލީޑު ދެމެހެއްޓިފައެވެ.
މި މެޗުން މޮޅުވެ ލާޒިއޯ ވަނީ ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. ލާޒިއޯއަށް 19 މެޗުން 37 ޕޮއިންޓް ލިބިފައިވާއިރު، މިލާން ދެވަނާގައި އޮތީ 19 މެޗުން ލިބުނު 38 ޕޮއިންޓާއި އެކުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!