ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްތަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި އެއަތޮޅު ކުޅުދުއްފުށްޓަށް މިއަދު ވަޑައިގެން އެރަށު ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ކުޅުދުއްފުށްޓަށް ފައިބައި ވަޑައިގަތުމާއެކު އެރަށުގެ ރައްޔިތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުޅުދުއްފުށްޓަށް މިކުރެއްވި ޒިޔާރަތުގައި އެރަށު ކައުންސިލާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ އެރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާއި ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ. މިގޮތުން ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ކުނި މެނޭޖުކުރުމުގެ މައްސަލައާއި މީހުން ތަމްރީނުކޮށް އެކިދާއިރާތަކުން މީހުން ބިނާކުރުމުގައި އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވާފައެވެ. އަދި ކައުންސިލުގެ އިދާރާގެ ޖާގައިގެ ދަތިކަމުން ކައުންސިލުގެ ބައެއް މަސައްކަތްތައް ކުރިޔަށްގެންދިއުމުގައި ހުރި ދަތިތައް ކައުންސިލަރުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލުތަކަށް ލިބިގެންދާ ބާރުތަކާއި ޒިންމާތައް އިތުރުވެ އަންނަ އަހަރުގެ ބަޖެޓުން ކައުންސިލުތަކަށް ކަނޑައެޅިފައިވާ ބަޖެޓް ލިބުމުން ކައުންސިލަރުން ފާހަގަކުރެއްވި ގިނަ މައްސަލަތަކަށް ޙައްލު ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ. އަދި ކައުންސިލުން ކަންކަން ކުރުމުގައި ރައްޔިތުންނާއި ޚިޔާލު ހޯއްދަވައިގެން، ރައްޔިތުންގެ މަޝްވަރާގެ މަތިން ތަރައްޤީގެ ކަންކަން ކުރިޔަށްގެންދިއުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. މީގެއިތުރުން އެކަކު އަނެކަކަށް އަޅާލާ އޯގާތެރި މުޖުތަމަޢެއް ބިނާކުރުމުގެ މުހިންމުކަމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް މަސައްކަތްކޮށްދެއްވުމަށް ކައުންސިލަރުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!