މާލޭ އޯކިޑް މަގުގައި ހުންނަ އިވްނިންގް ކެފޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ބޯހިޔާވަހިކަމުގެ އެހީތެރިކަން ބޭނުންވާ ހަތް މީހަކަށް ވަގުތީ ބޯހިޔާ ވަހިކަން ހަމަޖައްސައިދީފިއެވެ.
އިވްނިންގް ކެފޭގެ ބަދިގޭގައި އަލިފާން ރޯވީ 18:12 ހާއިރުއެވެ. އެ އަލިފާން ރޭ 19:22 ހާއިރު ނިއްވާލެވިފައިވާކަން އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވެފައިވާގޮތުގައި އިވްނިންގް ކެފޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން މ. ގުލޭނޫރަންމާގޭގެ 4 އަދި 8 ވަނަ ބައިން ޖުމްލަ 7 މީހަކަށް އެ އޮތޯރިޓީން އަންނަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންނެވެ.
މިހާދިސާގައި އިވްނިންގް ކެފޭގެ ބަދިގޭގެ އިތުރުން އެތަނުގެ މަތީގައި ހުންނަ އެކަމަޑޭޝަން ބްލޮކް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.
މި ހާދިސާގައި އެއް ވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބިފައިނުވާއިރު، ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައިނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވެފަވެއެވެ.
އެ ކެފޭއަކީ އިންޑިއާ ކެއުންތަކަށް ޚާއްޞަ، އެ ގައުމުގެ ބަޔަކު ހިންގަމުން އަންނަތާ ގިނަ އަހަރުތަކެއް ވެފައިވާ ތަނެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!