ލާމަރުކަޒީ ނިޒާމުގެ ފޮނި މީރުކަން ގެނެސްދެވޭނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށްކަމަށް ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ އެ ޕާޓީގެ ރައީސްގެ ގޮތުގައި ވެސް ހުންނެވި ނަޝީދުގެ އިތުރުން އެ ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙެވެ.

Ad
rt

މީގެރެއިން ޝިޔާންޓޭ ތާއީދު ކުރައްވަނީ ރައީސް ނަޝީދަށެވެ. ނަޝީދަށް ތާއީދު ކުރަށްވާ ސަބަބު ހާމަކުރަށްވައި ޝިޔާންޓޭ ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، އޭނާ ހުންނެވީ ރައީސް ނަޝީދުގެ ފަހަތްޕުޅުގައި ކަމަށެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ލާމަރުކަޒީ ނިޒާމުގެ ފޮނި މީރުކަން ގެނެސްދެވޭނީ ރައީސް ނަޝީދަށް ކަމަށް ވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

''މިފަހަރު ދޮރުން ދޮރަށް ކެމްޕެއިން ކުރިއިރު އެތައް ފަހަރަކު ބުނިން ލާމަރުކަޒީ ނިޒާމްގެ ފޮނިމީރުކަން ރައީސް ޞާލިޙްގެ ވެރިކަމުގައި ލިބޭނެކަމަށް، އެކަމަކު ނުލިބުނު، މިޖެހެނީ އާދޭސްކުރަން، މައިސަރުކާރުގައި ރޮއިހޭރި އާދޭސްކުރަން'' ޝިޔާންޓޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޓެކްސް ނިޒާމަކުން ފައިދާކުރުވަނިވި ނިޒާމެއް ރައީސް ނަޝީދު ގެނެސްދެއްވި ކަމަށެވެ، އަދި އެއީ މައި ސަރުކާރަށް އާދޭސްކުރަން ނުހެޖެހޭނެ ނިޒާމެއްކަމަށް ވިދާޅުވިއެވެ.

''އެހެންނަމަވެސް އަދިވެސް އަޅުގަނޑުމެން އަންނަން މިޖެހެނީ ވެރިންކައިރިއަށް ސަލާންޖަހަން، މިނިސްޓަރުން ކައިރިއަށް އާދޭސް ދަންނަވަން، މި އުސޫލު ނައްތާލެވޭނެ ވެރިއަކީ ރައީސް ނަޝީދުކަމަށް ވާތީ އަޅުގަނޑު މިފަހަރު ވެސް ރައީސް ނަޝީދުގެ ފަހަތްޕުޅުގައި'' އޭނާ ވިދާޅުވިއެވެ.

ޝިޔާންޓޭގެ ވީޑިއޯ މެސެޖުގައި ވަނީ ލާމަރުކަޒީ ނިޒާމުގެ ފޮނި މީރުކަން ހޯދުމަށްޓަކައި ށ. އަތޮޅުގެ ހުރިހާ އެމްޑީޕީ މެންބަރުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ޚިޔާރުކުރުމަށް ގޮވައިލާފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.