އެމްޑީޕީގެ ލީޑަޝިޕް އިންތިޚާބުގެ ވޯޓް ނަަގަން އެ ޕާޓީން އެންމެ ފަހުގެ ތައްޔާރީތައް ވެއްޖެ އެވެ.
އެމްޑީޕީގެ ލީޑަރޝިޕްގެ ވޯޓްލުން ކުރިއަށްދާނީ މާދަމާގެ މެންދުރު ފަހު 2:00 ފެށިގެން 6:00 އަށެވެ. މި އިންތިޚާބުގައި 87،439 މެންބަރަކަށް ވޯޓް ލުމުގެ ހައްގު ލިބިފައި ވާއިރު މިއީ ސިޔާސީ ޕާޓީއަކުން ބާއްވާ މިފަދަ އިންތިޚާބެއްގައި އެންމެ ގިނަ ބަޔަކަށް ވޯޓްލުމުގެ ހައްގު ލިބިފައިވާ އިންތިޚާބެވެ.
އެމްޑީޕީގެ ލީޑާޝިޕް އިންތިޚާބުގެ ވޯޓް ނެގުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށްގެންދިއުމަށް ނިންމާފައުވާއިރު މާލޭގައި ދިރިއުޅޭ އެކި ރަށްރަށުގެ އެމްޑީޕީގެ މެންބަރުންނާއި، މާލެއަށް ނިސްބަތްވާ އެމްޑީޕީގެ މެންބަރުން ވޯޓްލުމަށް ވޯޓްފޮށި ބަހައްޓާފައި ވެއެވެ.
ރަށްރަށުގައި ވޯޓް ފޮށި ބަހައްޓާފައި ހުންނާނީ އެ ރަށެއްގެ އެމްޑީޕީ ހަރުގޭގައެވެ. އައްޑޫއާއި ފުވައްމުލަކަށް ނިސްބަތްވާ އެމްޑީޕީގެ މެންބަރުންގެ އިތުރުން އެެހެން ހުރިހާ ވޯޓް ފޮއްޓެއް ބަހައްޓާފައިވަނީ އިސްކަންދަރު ސުކޫލް ހޯލުގަ އެވެ. ހުޅުމާލޭގައި ވޯޓްފޮށި ހުންނާނީ ގާޒީ ސުކޫލްގަ ބަހައްޓާފައިވާއިރު ވިލިމާލޭގައި ވޯޓުލުން ކުރިއަށް ދާނީ އެމްޑީޕީގެ ހަރުގޭގަ އެވެ.
މި އިންތިޚާބުގައި އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލެއްވީ މިހާރު ވެސް އެ މަގާމުގައި ހުންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެމްޑީޕީގެ ނާއިބު ރައީސް ކަމަށް ކުރިމަތިލެއްވީ މިހާރު ވެސް އެ މަގާމުގައި ހުންނެވި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް (ޝިއްޕެ) އަދި މެންބަރު މުހައްމަދު އަސްލަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!