އިމާދުއްދީން ސްކޫލާއި އިންވެގެން ހުންނަ މާލޭ ނީލަން ފިހާރާގައި އަލިފާން ރޯވެފައިވާއިރު، އެ ސްކޫލްގައި މިއަދު ކިޔެވުން ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.
ނީލަން ފިހާރާގައި ރޯވި އަލިފާން ކޮންޓްރޯލްވެފައި ވީނަމަވެސް، އަދި ވެސް ދަނީ ވަރަށް ބޮޑަށް ދުން އަރަމުންނެވެ. އެހެންކަމުން އިމާދުއްދީން ސްކޫލާއި އެ ސަރަހައްދަށް ވަނީ ވަރަށް ބޮޑަށް ދުމުގެ އަސަރުކޮށްފައެވެ.
އިމާދުއްދީން ސްކޫލްގެ އިތުރުން އެ ސަރަހައްދުގައި ހުންނަ އިއްޒުއްދީން ސްކޫލްގައި ވެސް ހެނދުނު ދަންފަޅީގެ ކިޔެވުން ނެތް ކަމަށް މައުލޫމާތު ލިބެއެވެ.
މިހާދިސާގައި އަލިފާންގަނޑު ފެތުރި، އެ ސަރަހައްދާ އިންވެގެން ހުންނަ މާލެ ސިޓީ ކައުންސިލުގެ ބިދޭސީ މުވައްޒަފުން ތިބޭ އިމާރާތުގައި އަލިފާން ހިފުމުން އެ ތަނުގައި ތިބި ސިޓީ ކައުންސިލްގެ މުވައްޒަފުން ވެސް މިވަގުތު ތިބީ އިމާދުއްދީން ސްކޫލްގެ ގޯތި ތެރޭގައެވެ.
ސިޓީ ކައުންސިލްގެ މުވައްޒަފުންއެ މުވައްޒަފުން އިމާދުއްދީން ސްކޫލްގެ ގޯތިތެރޭގައި، ފޮޓޯ: ތިލަދުން
ފަތިހު 5:45 ހާއިރު ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވެފައިވާކަން މިހާތަނަށް ކަމާބެހޭ އިދާރާތަކުން ހާމައެއް ނުކުރަށްވައެވެ.
އެތަނުގައި ރޯވި އަލިފާން ނިއްވާލުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ގުޅިގެން ކުރަމުން އަންނައިރު އަދިވެސް އެ އިމާރާތުން ވަރަށް ބޯކޮށް ދުން އަރާތީ ފެނެއެވެ.
އެ ސަރަހައްދުން ''ތިލަދުން''ގެ ނޫސްވެރިޔަކާ ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވިގޮތުގައި އަލިފާން ކޮންޓްރޯލް ކުރެވުނު ނަމަވެސް އެތަނަކީ ގިނަ އަދަދެއްގެ ކެމިކަލް ހުރިތަނެއްކަމުން އަދިވެސް ދަނީ ކެމިކަލްތަކުގައި އަލިފާން ރޯވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!