މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ކެމްޕެއިން ޖަލްސާއެއް މިރޭ ބޭއްވުމަށް ނިންމައިފި އެވެ.
އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ މި ޖަލްސާ އޮންނާނީ މިރޭ 9 ޖަހާއިރު، އެމްޑީޕީ ހަރުގޭގަ އެވެ.
ސާލިހުގެ ކެމްޕެއިން ޓީމުން ވަނީ މި ޖަލްސާއަށް ވީހާވެސް ގިނަ އެމްޑީޕީގެ މެމްބަރުންނާއި ތާއީދު ކުރައްވާ ފަރާތްތަކުން ދިއުމަށް ދައުވަތު އަރުވާފަ އެވެ.
ބައެއް މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި، ސާލިހު އަތޮޅުތަކަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުތައް ވަރަށް އަވަހަށް ފައްޓަވާނެ އެވެ. އެގޮތުން އެންމެ ފުރަތަމަ ވަޑައިގެންނަވާނީ ލ. އަތޮޅަށް ކަމަށާއި އެއަށްފަހު، ތ. އަތޮޅަށް ވަޑައިގެންނަވަން ހަމަޖެހިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
މި މަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ.
މީގެތެރެއިން ނަޝީދު މިހާރުވަނީ އެމަނިކުފާނުގެ ކެމްޕެއިން ހަރަކާތްތައް ފައްޓަވައި، އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވަން ފައްޓަވާފަ އެވެ. އެގޮތުން މާލޭގައި ވެސް ޖަލްސާތައް ބާއްވަމުންގެންދަވާއިރު، އަތޮޅުތަކުގައި ވެސް ހަރަކާތްތައް ގެންދަވަނީ ބާއްވަމުން ނެވެ.
ނަޝީދު ވަނީ ބޮޑު ތިލަދުންމަތީގެ ބައެއް ރަށްރަށަށާއި ށ. ކޮމަންޑޫ އަށް ވަޑައިގެން ދޮރުންދޮރަށް ހިންގަވައި، ޖަލްސާތައް ވެސް ބާއްވާފަ އެވެ. އަދި އެމަނިކުފާނު މިހާރު އުޅުއްވަނީ ފުވައްމުލައް ސިޓީގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!