މަސްތުވާތަކެތިން ސަލާމަތްވުމަށް ބޭނުންވާ ފަރާތްތަކަށް ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އިން ހާއްސަ ޕްރޮގްރާމެއް ހިންގަން ނިންމައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފައިވާ ގޮތުގައި މި ޕްރޮގްރާމް ހިންގަނީ ނޭޝަނަލް ޑްރަގް އޭންޖެސީ، ކުޅުދުއްފުށި ސިޓީ ކައުންސިލް އަދި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ގުޅިގެން ނެވެ.

Ad
rt

މިއީ މަސްތުވާތަކެތިން ސަލާމަތްވުމަށް ބޭނުންވާ ފަރާތްތަކަށް "ކޮމިޔުނިޓީ ބޭސްޑް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ޕްރޮގްރާމް" ގެ ނަމުގައި، ކުޅުދުއްފުށި ރީޖިނަލް ހޮސްޕިޓަލް މެދުވެރިކޮށް ފަރުވާ ދިނުމަށް ދިގު މުއްދަތުގެ ޕްރޮގްރާމެއް ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

އެ ކައުންސިލުން ވިދާޅުވެފައިވަނީ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކްލިނިކަލް އަދި ބިހޭވިއަރަލް ބައިތައް ހިމެނޭގޮތަށް ދިގު މުއްދަތަށް ދެމިގެންދާ ޕްރޮގްރާމެއް ގޮތުގައި ކަމަށެވެ.

އެހެންކަމުން މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 04 ޖެނުއަރީ އިން ފެށިގެން ކޭއާރްއެޗްގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށް ވިދާޅުވި އެވެ.

މި ޕްރޮގްރާމްގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް ކުޅުދުއްފުށީ ޕަބްލިކް ހެލްތް ޔުނިޓް (އުފަންހިޔާ) ދުރުވެ ރަޖިސްޓަރީވުމަށް ވަނީ އެދިފަ އެވެ. އަދި ރަޖިސްޓަރީވުމަށް ދުރުވާއިރު ޕްރޮގްރާމްގައި ބައިވެރިވާ ފަރާތާއި، އެފަރާތުގެ އެހީތެރިއެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ކޮޕީ ގެންނެވުމަށް ވެސް ވަނީ އެދިފަ އެވެ.

މި ޕްރޮގްރާމާއި ގުޅޭ އިތުރު މައުލޫމާތު ކުޅުދުއްފުށި ރީޖިނަލް ހޮސްޕިޓަލުގެ ޕަބްލިކް ހެލްތް ޔުނިޓްގެ ނަންބަރ 6527694 ގުޅުއްވުމުން ލިބޭނޭ ކަމަށް ވެސް އެ ކައުންސިލުން ވިދާޅުވެފައި ވެއެވެ.