ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވާ ރައީސަކީ ރަދުންގެ ގޮތުގައި ދެކޭނަމަ އެއީ ތަރައްގީއަށް އެޅޭ ވަރަށް ބޮޑު ހުރަހެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ނަޝީދު މިއަދު ވަނީ ކެމްޕެއިން ދަތުރެއްގައި ފުވައްމުލައް ސިޓީ އަށް ވަޑައިގެންފައެވެ. ނަޝީދު އެ ސިޓީއަށް ވަޑައިގެން ބޭއްވި ކެމްޕޭނު ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، އެމްޑީޕީގެ ފަލްސަފާތަކުގެ ތެރޭގައި ދަރީންނަށް ހެޔޮގޮތް ހޯދައިދިނުން ހިމެނޭ ކަމަށެވެ.
އެމްޑީޕީ ވުޖޫދުވި އެއް ސަބަބަކީ ވެސް ދަރިންނަށް ހެޔޮގޮތް ހޯދައިދިނުން ކަމަށާއި، ''ރިއެކްޓް ކުރަވާށޭ ރައީސް ޞާލިޙަށް'' ދަންނަވަންޖެހެނީ އެފަދަކަންކަމަށް ''ރިއެކްޓް ނުކުރައްވާތީ'' ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަވަހާރަފުޅު ލައްޕަވަން ނޯންނަވައި، ހެނދުނު ތެދުވެވަޑައިގެން އެ މަސައްކަތުގައި އުޅުމަށް ރައީސް ޞާލިޙް އަރިހުގައި ދަންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވާ ރައީސަކީ ރަދުންގެ ގޮތުގައި ދެކޭނަމަ އެއީ ތަރައްގީއަށް އެޅޭ ވަރަށް ބޮޑު ހުރަހެއްކަމަށް އެމަނިކުފާނަކީ ވެސް ރައީސްކަން ކުރެއްވި ބޭފުޅެއްކަމުން ވެރިކަމުގެ ލައްޒަތާއި އަރާމް އެކުލެވިގެންވާކަން އެނގިވަޑައިގަންނަވާ ނަމަވެސް ރައީސަކަށް ހުންނަ މީހަކު ރަނގަޅު ޚިދުމަތެއް ކުރާން އެދޭނަމަ އެ އަރާމާއި ދުރުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ 2023 ވަނަ އަހަރު ފެށުނީ ވަރަށް ތާށި އަހަރެއްގެ ގޮތުގައު ކަމަށެވެ. އަދި ޓެކްސް ބޮޑުވެ ރައްޔިތުންނަށް ބުރަ ބޮޑުވެގެން ގޮސްފައިވާކަމަށް ވިދާޅުވިއެވެ.
2018 ވަނަ އަހަރު ވެރިކަމަށް އައުމަށް އެމްޑީޕީން ހެދި މެނިފެސްޓޯ އޮތްގޮތަށް ކަންތައް ދިޔަނަމަ އެހެން ނުވީސްކަމަށާއި، ކަންތައް ދަނީ އެމްޑީޕީން އެދޭ ގޮތަށް ނޫންކަމަށް ނަޝީދު ވިދާޅުވިއެވެ. އަހަރުގެ ކުރިއަށް އޮތްތަނުގައި ތަކެތީގެ އަގު އަދިވެސް އުފުލޭނެކަމަށާއި، އެއީ ބޮޑު ކަންބޮޑުވުމެއް އޮތްކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!