ރިޔާސީ ޕްރައިމަރީގައި ބަލިވުމަކީ ދުވަހަކު ވެފައި އޮތް ގޮތެއް ނޫން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު މިހެން ވިދާޅުވީ އިންތިހާބުތަކުން ބަލިވާ ނަމަ އެކަމަކާ ނޫޅޭނެ ކަމަށާއި ބަލިވުން އެއީ ދަންނަ ކަމެއް ނޫން ކަމަށެވެ. އަދި ބަލިވާނެ ކަމަށް އެއްގޮތަކަށް ވެސް އަންދާޒާ ކޮށްފައިވެސް ނުވާނެ ކަމަށެވެ.

Ad
rt

"ދުވަހަކު ވެފައި އޮތް ގޮތެއްވެސް ނޫން. އަދި އިންތިހާބުތަކުން ބަލިވާ ނަމަ އެކަމަކާ ނޫޅޭނަން." ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ކޯލިޝަންގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިއްވާފައިވާ ޖަލު ހުކުމާއި ގުޅޭގޮތުން ވެސް ނަޝީދު ވަނީ ވާހަކަ ދައްކަވާފަ އެވެ.

ނަޝީދު ވިދާޅުވީ ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމަކީ ސިޔާސީ ދައުވާއެއް ކަމަށް ވިދާޅުވާން ކެރިވަޑައި ނުގަންނަވާނެ ކަމަށެވެ.

ކޮންމެ ބަޔަކުވެސް އެ ބައެއްގެ ލީޑަރަށް ދެރަގޮތެއް ވާން ނުރުހޭނެ ކަމަށާއި އެއީ ބަލައިގަންނަން ޖެހޭ ކަމެއް ކަަމަށް ވެސް ވިދާޅުވި އެވެ. އަދި ޔާމީނަށް ހުކުމް ކޮށްފައިވަނީ ހެއްކާއި ގަރީނާގެ މައްޗަށްކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ ދައުވާ އަކީ ޤާނޫނީ މާއްދާގެ ތެރެއިން އުފުލާފައިވާ ދައުވާއެއް ކަމަށެވެ.

ނަޝީދަކީ ރައީސް ޔާމީންގެ ދައުރުގައި ޓެރަރިޒަމްގެ ކުށުގައި ޖަލު ހުކުމެއް ތަންފީޒު ކުރެއްވި ބޭފުޅެކެވެ. 2018 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް އެމަނިކުފާނަށް ބައިވެރިވެ ވަޑައިނުގެންނެވުނީ އެ ޖަލު ހުކުމުގެ ސަބަބުން ނެވެ.

ޕީޕީއެމް/ޕީއެމްސީ ކޯލިޝަނުން އަންނަނީ ރައީސް ޔާމީން ޖަލުގައި ހުންނަވާތީ އެކަން ކުށްވެރިކޮށް މުޒާހަރާތައް ބާއްވަމުން ނެވެ. އަދި ޖަލަށް ލިޔަސް އަންނަ ރިޔާސީ އިންތިހާބުގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް އެ ކޯލިޝަނުން އަންނަނީ ބުނަމުން ނެެވެ.