އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ވުލްވްސް ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ.

ވުލްވްސްގެ ދަނޑުގައި ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.

Ad
rt

މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ޔުނައިޓެޑްގެ ފޯވާޑް ރަޝްފޯޑް މި މެޗުގެ ފުރަތަމަ އެގާރާގައި ހިމަނާފައި ނުވަނީ ޑިސިޕްލިނަރީ މައްސަލައަކާއި ގުޅިގެންނެވެ. ރަޝްފޯޑްގެ ބަދަލުގައި ފުރަތަމަ އެގާރައިން ޖާގަ ދީފައި ވަނީ އާޖެންޓީނާގެ ޒުވާން ފޯވާޑް ގަނާޗޯއަށެވެ.

ނަމަވެސް މެޗުގެ ދެވަނަ ހާފަށް ރަޝްފޯޑް ވަނީ ގަނާޗޯގެ ބަދަލުގައި ކުޅެން ނުކުމެ ޔުނައިޓެޑް މޮޅު ކޮށްދީފައެވެ. މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ރަޝްފޯޑެވެ.

ރަޝްފޯޑް ވަނީ ދެވަނަ ލަނޑެއް ވެސް ޖަހާފައެވެ. ނަމަވެސް އެ ބޯޅަ ގޯލަށް ވަދެފައި ވަނީ ރަޝްފޯޑް އަތުގައި ޖެހިފައި ކަމަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ފެނުމުން ރެފްރީ ވަނީ ލަނޑު ބަލައި ނުގަންނަން ނިންމާފައެވެ.

މި މޮޅާއިއެކު ޔުނައިޓެޑް ވަނީ ހަތަރު ވަނައަށް ޖެހިލާފައެވެ. ޔުނައިޓެޑަށް ކުޅުނު 16 މެޗުން 32 ޕޮއިންޓް ލިބިފައިވާއިރު، މި މެޗުން ބަލިވި ވުލްވްސް މިވަގުތު އޮތީ ތާވަލުގެ 19 ވަނާގައެވެ. އެ ޓީމަށް 17 މެޗުން ލިބިފައި ވަނީ 13 ޕޮއިންޓެވެ.