ފްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިއާ މޯލްޑިވްސް (އެފްއޭއައިއެމް) އިން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް ފަށައިފި އެވެ.
މި ހަރަކާތާއި ގުޅިގެން އެ ޖަމިއްޔާގެ ރައީސް އަހްމަދު އަމްޖަދު 'ތިލަދުން' އަށް ވިދާޅުވީ މިއީ އެ ޖަމިއްޔާއިން މި ހަރަކާތް ކުރިއަށް ގެންދާ 13 ވަނަ އަހަރު ކަމަށެވެ.
މޯލްޑިވްސް ބްލަޑް ސަރވިސް ގައި މިއަދު މެންދުރުފަހު 2 ޖެހިއިރު ފެށި މި ހަރަކާތް ފައްޓަވައިދެއްވީ ޑިޕިއުޓީ ހައިކޮމިޝަނަރ އޮފް އިންޑިއާ، މިސް. ޕޫޖާ އެވެ.
އަމްޖަދު ވިދާޅުވީ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމުގެ ބޭނުމަކީ ލޭ ބޭނުންވެފައި ތިބި ކުދިންނާއި މީހުންނަށް އެ ފުރުސަތު ދިނުން ކަމަށާއި ލޭ ހަދިޔާ ކުރަން ބޭނުންވެފައި ތިބި މީހުންނަށް ވެސް އެ އެ ފުރުސަތު ދިނުން ކަމަށެވެ.

މިއީ އިންސާނިއްޔަތަށް އެހީވުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ހަރަކާތެއް ކަމަށާއި މިއަހަރުގެ ޕްރޮގްރާމުގައި 50 މީހުން ރެޖިސްޓްރީ ވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ޕްރޮގްރާމުގައި ލޭ ހަދިޔާ ކުރަނީ އެ ޖަމިއްޔާގެ މެމްބަރުންނާއި ރާއްޖޭގައި އުޅޭ އިންޑިއާ މީހުން ކަމަށެވެ. މި ހަރަކާތް މިއަދު އިރުއޮއްސި 6 ޖަހަންދެން ކުރިއަށްދާނެ ކަމަށް ވެސް އަމްޖަދު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!