މި ސަރުކާރުން ބޮޑު ތިލަދުންމައްޗަށް މިގެންނަ ތަރައްޤީ އާއި އެކު، ތިލަދުންމަތީގައި ފަތުރުވެރިކަން ތަރައްޤީކުރަން ވިޔަފާރިވެރިންގެ ޝައުގުވެރިކަން އިތުރުވާނެކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ، މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގަ "ތިލަދުން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

Ad
rt

ރައީސް ވިދާޅުވީ، ބޮޑުތިލަދުންމަތީގެ ފަތުރުވެރިކަމަކީ މިހާތަނަށް އައިއިރު މާބޮޑު ކުރިއެރުމެއް ނެތް ސަރަހައްދެއްކަމަށާއި، އެކަން އެހެންވެފައި އޮތީ ދަތުރުފަތުރުގެ ނިޒާމް އޮތް ގޮތުން، މާލޭ އިންޓަނޭޝަނަލް އެއާޕޯޓަށް ބޭރުން އަންނަ ފަތުރުވެރިން ޖެއްސުމަށްފަހުގައި އެހާހިސާބަށް ދަތުރުކުރުން އެއީ ވަރަށް އުނދަގޫކަމެއްގެ ގޮތުގައި މިހާތަނަށް ވެފައި އޮތުމުން ކަމުގަ އެވެ.

"މިހާރު އެހެންނަމަވެސް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢު ކުރިއަށް އެބަދޭ، އަދި އޭގެ އިތުރުން މުޅި އަތޮޅުގައި އާރުޓީއެލްގެ ކަނެކްޓިވިޓީ މިހާރު އެބައޮތް، އަޅުގަނޑުގެ އުންމީދަކީ ވިޔަފާރިވެރިން މިއާ ދޭތެރޭގައި މިހާރަށްވުރެ ޝައުގު އިތުރުވެ، ބޮޑުތިލަދުންމަތީގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ޝައުގުވެރިކަން އިތުރުވެގެން ދާނެކަމަށް،"

ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން އުތުރުގައި ފަތުރުވެރިކަން ތަރައްޤީކުރަުމަށް، ހއ. ހދ. ށ އަތޮޅަށް ނިސްބަތްވާ ރަށްތަކެއް ދެ ފަހަރެއްގެ މަތިން ބިޑަށް ލެވިފައިވާނެކަމަށާއި، އެހެންނަމަވެސް ޝައުގުވެރިކަން އޭރު އެހާ ބޮޑަށް ނެތީ މިދެންނެވި ދަތުރުފަތުރުގެ ނިޒާމް އޭރު އޮތް ގޮތުންކަމަށް ވެދާނެކަމުގައި ރައީސް ވިދާޅުވި އެވެ.

"އެހެންނަމަވެސް މި އަންނަ ތަރައްގީއާއެކު ބޮޑު ތިލަދުންމައްޗަށް ވެސް މުޅި ރާއްޖެއަށް ވެސް ޓޫރިޒަމް ފުޅާވެގެންދާނެކަމުގެ ޔަގީންކަން އެބައޮތް،"

ރައީސް ވިދާޅުވި އެވެ.

މިސަރުކާރުން އެ ސަރަހައްދުގައި އެނދު ތަރައްގީކުރާނެ އަމާޒެއްވެސް ކަނޑައަޅާފައިވާނެކަމަށާއި، އެޔާނުލައެއް އެއާޕޯޓެއް ފީސަބަލްވުމަކީ ދުރުކަމަށްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ. މި ދެކަންތައް އެކުއެކީގައި ކުރިއަށް ދާނެކަމުގައި ރައީސް ވިދާޅުވި އެވެ.