1 ޑިސެމްބަރުން ފެށިގެން ސިއްހަތުގެ އިންޒާރު ޖެހި ފޮޓޯ ހިމެނިފައި ނުވާ ދުންފަތުގެ ބާވަތްތައް ވިއްކުމަކީ މަނާ ކަމެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ފަހުން ފޮޓޯ ޖެހި ސިއްހަތުގެ އިންޒާރު ހިމެނިފައި ނުވާ ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖޭގައި ވިއްކުމަކީ ގާނޫނީ ގޮތުން މަނާ ކަމެއް ކަމަށެވެ.
މި އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހުން ފެށިގެން އިންޒާރުގެ ފޮޓޯ ޖަހައިގެން ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އެތެރެކުރާ ގޮތަށް އަމަލުކުރަންފެށިފައި ވީނަމަވެސް އިންޒާރުގެ ނޯޓިސް (ފޮޓޯ) ނުޖަހައި، މިދިޔަ ޖުލައި 31 ވަނަ ދުވަހުގެ ކުރިން ރާއްޖެއަށް އެތެރެކޮށްފައިވާ ދުންފަތުގެ ބާވަތްތައް މިމަހުގެ 30 ގެ ނިޔަލަށް ވިއްކޭނެކަމަށް އެފަރާތުން ވަނީ ބުނެފައެވެ.
ދުންފަތާއި ސިނގިރޭޓާއި ދެކޮޅަށް ރާއްޖޭގައި ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު މި އަހަރުގެ ޖޫން މަހުން ފެށިގެން ވަކިން ސިނގިރޭޓް ވިއްކުން ވަނީ މަނާ ކޮށްފައެވެ. މީގެ އިތުރުން ދުންފަތުގެ ބާވަތްތަކުގެ ބޭރުގައި އިންޒާރުގެ ނޯޓިހެއްގެ އިތުރުން ކުރެހުމެއް ޖަހަންވެސް މިވަނީ ފަށާފައެވެ. ހަމައެއާއެކު އިމްޕޯޓު ޑިއުޓީ އާއި ކަސްޓަމްސް ފީ އަށް ގެންނަ ބަދަލުގެ ތެރެއިން ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރަން އަންނަ އަހަރަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ވަނީ ހިމަނާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!