ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުންނަ ނޫވިލު ސީޕްލޭން ޓާރމިނަލަށް ގްލޯބަލް ބެސްޓް ޕްރޮޖެކްޓްސް އެވޯޑް ފޯ އިންޖިއަރިންގ (އީއެންއާރު) އެވޯޑު ލިބިއްޖެ އެވެ.

ރާއްޖެއަށް މި އެވޯޑް ލިބިފައިވަނީ ދުނިޔޭގެ 18 ޤައުމެއްގައި ހިންގާފައިވާ 34 ޕްރޮޖެކްޓާއި ވާދަކޮށްގެން ނެވެ.

Ad
rt

މި އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ބައިވެރިވެފައިވަނީ އޮންލައިންކޮށެވެ.

6 އޮކްޓޯބަރ 2022 ގައި ބޭއްވި ރަސްމިއްޔާތެއްގައި ނޫވިލު ސީޕްލޭން ޓާމިނަލް ހުޅުއްވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމާއި އެމްއޭސީއެލް ގެ ޗެއާމަން އެމްޔޫ ހަސަން މަނިކާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާން ލިޝިން އެވެ.

މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

55 މިލިއަން ޑޮލަރުގެ މި މަޝަރޫއުގެ ދަށުން ތަރައްގީކުރި މި ޓާމިނަލްގައި 28،000 އަކަމީޓަރު ހުންނައިރު، އެމްއާރުއޯ ފެސިލިޓީގައި 8،836 އަކަމީޓަރު ހުރެއެވެ. އަދި ވީވީއައިޕީ ބަައިގައި 100 އަކަމީޓަރު ހުރެއެވެ.

ޓާމިނަލްގައި 42 ލައުންޖު ހުންނައިރު، ދެ ލައުންޖު ފިޔަވާ ހުރިހާ ލައުންޖެއް ރިސޯޓުތަކަށް ކުއްޔަށް ދީފައިވާއިރު، އެމްއޭސީއެލްގެ "ވިލު" ބިޒްނަސް ލައުންޖުގައި 235 ސީޓު ހުރެއެވެ. އަދި އެމްއޭސީއެލް "ނީރު" ލައުންޖުގައި 315 ސީޓު ހުރެއެވެ.