ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ކުރީގެ ސީއީއޯ މުޖްތަބާ ޖަލީލުގެ މައްޗަށް ދަޢުވާކުރުމާއިމެދު ގޮތެއް ކަނޑައަޅައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އޭނާގެ މައްޗަށް ދައުވާ ކުރަނީ އެންސްޕާގެ ބޭނުމަށް ​​ކުއްޔަށް ހިފި ގެއެއްގެ ފްލޯތަކުގެ އިންޓީރިއާ ޑިޒައިނިންގގެ މަސައްކަތް އުސޫލުތަކާއި ހިލާފަށް އަމިއްލަ ފަރާތަކާ ހަވާލުކުރި މައްސަލާގަ އެވެ.

Ad
rt

އޭސީސީން ވިދާޅުވެފައި ވަނީ 2015 ވަނަ އަހަރު އެންސްޕާގެ ބޭނުމަށް ކުއްޔަށް ހިފި ގެއެއްގެ ފްލޯތަކުގެ އިންޓީރިއާ ޑިޒައިނިންގ ގެ މަސައްކަތް އަމިއްލަ ކުންފުންޏަކާއި ހަވާލުކުރުމުގެ ހުއްދައަށް އެދި އެންސްޕާގެ އޭރުގެ ސީ.އީ.އޯ މުޖްތަބާ ޖަލީލު ސޮއިކޮށް، އެންސްޕާއިން ފިނޭންސް މިނިސްޓްރީއަށް ފޮނުވި ސިޓީއާއެކު އެ މިނިސްޓްރީއަށް ފޮނުވާފައިވާ ކޯޓޭޝަންތަކަކީ އެއް ވިޔަފާރި އަނެއް ވިޔަފާރިއާ ގުޅުން އޮންނަ އަދި މުޖްތަބާ ޖަލީލުއާވެސް ގުޅުން އޮންނަ ވިޔަފާރިތަކުން ހުށައަޅާފައިވާ ކޯޓޭޝަންތަކެއްކަން މި މައްސަލައިގެ ތަހުޤީގަށްހާމަވެފައިވާ ކަމަށެވެ.

މި މައްސަލައިގަ މުޖްތަބާ ޖަލީލުގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އެވެ.

އަދި ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 513ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން، އޭގެ ފައިދާ ލިބެން ނުޖެހޭ ފަރާތަކަށް މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ވެސް ކުރެއެވެ.

މުޖްތަބާ ޖަލީލަކީ މާލޭ ސިޓީ ކައުންސިލްގެ މިހާރުގެ ސެކްރެޓަރީ ޖެނެރަލެވެ.