މެދުރާއްޖެއާއި ދެކުނުގެ އެކިހިސާބަށް މިއަދު ވެސް ވިއްސާރަކުރާނެ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއްޖެ އެވެ.

ކޮންމެ ދުވަހަކު ވެސް ނެރޭ "މޫސުމީ ބްލެޓިންގ" ގައި ވާ ގޮތުން އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހި، ގުގުރުން ވެސް އެކަށީގެން ވެއެވެ. އަދި އުތުރުގެ ރަަށްތަކަށް ކެރީގެ އަސަރު ކުރުން ވެސް އެކަށީގެން ވެއެވެ.

Ad
rt

އެ އިދާރާ އިން ވިދާޅުވީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެއްވޭ ކަމަށެވެ.

މިއަދުގެ އިރުއޮއްސުމާއި ހަމައަށް ނެރެފަައިވާ މޫސުމީ ބްލެޓިންގ ގައި އިތުރަށް ވިދާޅުވީ ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކަށް އާދައިގެވަރަކަށް މަޑުވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކުގެ ކަނޑުތަކުގައި، ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދުގެ އުސްމިނުގައި ރާޅު ހުރުން އެކަށީގެންވާ ކަމަށް ލަފާ ކުރައްވާފައިވާއިރު، މެދުރާއްޖެއާއި އުތުރުގައި ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާއި ހަތަރު ފޫޓާއި ދެމެދުގައި ކަމަށް ވަނީ ލަފާކުރައްވާފަ އެވެ.

އެހެންކަމުން ކަނޑުދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށާއި ހާއްސަކޮށް ދެކުނުގެ އަތޮޅުތަކުގައި ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމާއި ބެހޭ އެންމެފަހުގެ މައުލޫމާތު ހޯއްދަވައިގެން ދަތުރު ކުރެއްވުމަށް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.