މި ސަރުކާރު ވެރިކަމާއި ހަވާލުވިފަހުން ސަތޭކައަށްވުރެ ގިނަ އިންޖީނުގެ އަލަށް އަޅައި ދެވިފައިވާކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ރާއްޖޭގައި ކަރަންޓުގެ ޚިދުމަތްދޭން ފެށިތާ 73 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ސްޓެލްކޯއިން ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން ބޮޑެތި މަޝްރޫޢުތަކެއް މިހާރުވެސް ހިންގަމުންދާކަން ފާހަގަކުރައްވައި އެމަސައްކަތްތައް އަދިވެސް އިތުރަށް ފުޅާ ކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން މާލޭގެ ކަރަންޓުގެ ޚިދުމަތުގެ ތާރީޚަށާއި، ސްޓެލްކޯއިން މާލޭ ސަރަޙައްދުގެ ކަރަންޓުގެ ޚިދުމަތް ފުޅާކުރުމަށް ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ. އަދި ސްޓެލްކޯގެ އިޖުތިމާޢީ ޒިންމާގެ ދަށުން މުޖުތަމަޢުގެ ފައިދާއަށް ކޮށްފައިވާ މުހިއްމު ގިނަ މަސައްކަތްތައްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
2018 ވަނަ އަހަރު މިސަރުކާރު ވެރިކަމަށް އައި އިރު ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއެއް އޮތީވެސް ކަރަންޓުގެ ޚިދުމަތާ މެދުގައިކަން ފާހަގަ ކުރައްވައި، ނައިބު ރައީސް ވިދާޅުވީ، ރާއްޖޭގެ ކަރަންޓުގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަށްވަމުން އަންނަކަމަށެވެ. މިގޮތުން ފެނަކަ އާއި ސްޓެލްކޯގެ މަސައްކަތުން ސަތޭކައަށްވުރެ ގިނަ އިންޖީނުގެ އަލަށް އިމާރާތްކުރެވި، ތިންސަތޭކައަށްވުރެ ގިނަ ޖެނެރޭޓަރު ސެޓް ރަށްރަށަށް ފޮނުވިފައިވާ ކަމުގައި ވިދާޅުވިއެވެ.
ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށް، ތެލަށް ބަރޯސާވުން މިހާރަށްވުރެވެސް ކުޑަކުރަންޖެހޭ ކަމަށް ނައިބު ރައީސްގެ ރޭގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.
1949 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ރާއްޖޭގައި ކަރަންޓުގެ ޚިދުމަތްދޭން ފެށިފައިވާއިރު، އެކި ނަންނަމުގައި މާލޭގެ ކަރަންޓުގެ ޚިދުމަތްދެވި ތަރައްޤީ ކުރެވެމުން އައިސް، މިހާރުގެ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އުފައްދައި، ޚިދުމަތް ދޭންފެށީ 1997 ވަނަ އަހަރުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!