ފަތުރުވެރިކަމުގެ ދާއިރާއާއި މަތީ ތަޢުލީމުގެ ދާއިރާއާއިން ޒުވާނުންގެ ތަރައްގީ ކުރުމަށް އެއްބާރުލުން އިތުރުކުރުމަށް ބޮސްނިއާ އެންޑް ހަރޒަގޮވިނާ އާއެކު މަޝްވަރާ ކުރައްވައިފި އެވެ.
މި މަޝްވަރާ ކުރައްވާފައިވަނީ އެގައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒު ޑޮކްޓަރ ބިސޭރާ ޓުރްކޮވިޗް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގަ އެވެ.
ރައީސް އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި ރައީސް ވަނީ ބޮސްނިއާ އެންޑް ހަރޒަގޮވިނާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒަށް މަރުޙަބާ ވިދާޅުވެފަ އެވެ. އަދި މިއީ އެގައުމުގެ މަތީ މަންތީގެ މަންދޫބަކު ރާއްޖެއަށް ޒިޔާރަތްކުރެއްވި ފުރަތަމަ ފަހަރުކަން ވެސް ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ބޮސްނިއާގެ ޚާރިޖީ ވަޒީރު ވަނީ މިއަހަރަކީ ދެގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 25 އަހަރު ފުރޭ އަހަރެއްކަން ފާހަގަކުރައްވައި، ރައީސް އަށް ހެޔޮއެދުންތައް އަރިސްކުރައްވާފަ އެވެ.
މި ބައްދަލު ކުރެއްވުމުގައި ފަތުރުވެރިކަމުގެ ދާއިރާއާއި މަތީ ތައުލީމުގެ ދާއިރާއާއި ޒުވާނުންގެ ތަރައްގީއާ އަދި ގިނަ ގައުމުތައް އެކުވެގެން ބައިނަލްއަގްވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުން ފަދަ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ. އަދި ދެ ގައުމުން އިސްކަންދޭ މުހިންމު ކަންކަމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފަ އެވެ.
ހަމަމިއާއެކު ކުރިމަގުގައި ވެސް ދެ ގައުމުން އިސްކަންދޭ މުހިންމު ކަންކަމުގައި ގުޅިގެން މަސައްކަތް ކުރެއްވުމުގެ ޔަގީންކަން ދެ ބޭފުޅުން ވެސް ވަނީ ދެެއްވާފަ އެވެ.
ރާއްޖެއާ ބޮސްނިއާ އެންޑް ހަރޒަގޮވިނާއާ ދެމެދު ސިޔާސީ ގުޅުން ޤައިމުކޮށްފައި ވަނީ 27 ޖެނުއަރީ 1997 ގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!