ށ. ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2022 ގައި ހިމެނޭ ހޭންޑްބޯޅަ މުބާރާތުގެ ފައިނަލުން ފެނަކަ ފޯކައިދޫ ހޭންޑްބޯލް ޓީމާއި ފޯކައިދޫ ހެލްތު ސެންޓަރުގެ ޓީމް ޖާގަ ހޯދައިފިއެވެ.

މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ފައިނަލުގެ ޖާގަ ލިބޭ ގޮތަށެވެ.

Ad
rt

މުބާރާތުގެ ފައިނަލުން ފެނަކަ ޖާގަ ހޯދާފައި ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބު ކޮށް ޕޮއިންޓް ތާވަލުގެ އެއްވަނަ ޓީމްގެ ގޮތުގައެވެ.

މުބާރާތުގެ ފައިނަލުން ހެލްތު ސެންޓަރުގެ ޓީމް ޖާގަ ހޯދާފައި ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ އެއް މެޗުން ބަލިވެ، ޕޮއިންޓް ތާވަލުގެ ދެވަނަ ޓީމްގެ ގޮތުގައެވެ.

ފެނަކައާއި ހެލްތު ސެންޓަރު ބައްދަލުކުރާ، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިއަދުއެވެ. އެ މެޗުގައި ފަށާނީ މިއަދު ހަވީރު 16:30 ގައެވެ.

މި މުބާރާތުގައި ޖުމްލަ ފަސް ޓީމެއް ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ފޯކައިދޫ ހެލްތު ސެންޓަރ، ބްލަޑް ބްރަދާސް، މަޑުފެހި ސްޕޯޓްސް ކުލަބް، ޑަބްލިއުޑީސީގެ އިތުރުން ފެނަކަ ފޯކައިދޫ ހޭންޑްބޯލް ޓީމެވެ.

މިއީ ފޯކައިދޫގައި ހޭންޑްބޯޅައިގެ ރޫޙް ދިރުވައި އާލާ ކުރުމަށާއި، ފޯކައިދޫގައި ހުނަރުވެރި ޤާބިލު ހޭންޑްބޯޅަ ކުޅޭ ކުޅުންތެރިންތަކެއް އުފެއްދުމުގެ މަޤްސަދުގައި ފޯކައިދޫ ކައުންސިލުން އިންތިޒާމްކުރާ މުބާރާތެކެވެ.