މަރާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުاللهގެ މަރުގެ މައްސަލަގައި ތުހުމަތު ކުރެވޭ މީހަކާއި އޭރުގެ ދެ ވަޒީރަކު ބައްދަލު ކުރިކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤު ކުރާ ކޮމިޝަނުން މިއަދު ބުނެފިއެވެ.

އެ ކޮމިޝަނުން ރިޟްވާންގެ މަރުގެ މައްސަލައާއިގުޅިގެން އެ ކޮމިޝަނުން ހިންގި ތަޙްޤީޤްގެ ރިޕޯޓް މިއަދު އީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އެރުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކޮށް ދެއްކި ވާހަކާގައި އެ ކޮމިޝަނުން ބުނީ އެ މައްސަލާގައި ތުހުމަތުވާ އަހްމަދު މުއާޒް، 2014 ޖޫންމަހުގެ ކުރީކޮޅު އޭނާގެ އެކުވެރި ގްރޫޕަކާއެކު އޭރުގެ ދެ ވަޒީރަކާއި އެކު ބައްދަލުކޮށްފައިވާ ކަމަށެވެ. އެ ބައްދަލުވުން ހަމަޖެއްސުމަށް ހޯމް މިނިސްޓްރީގެ ނައިބަކަށް އޭރު ހުރި ހާނިމްގެ ދައުރެއް އޮތް ކަމަށް އެ ކޮމިޝަނުން ބުންޏެވެ

Ad
rt

އޭގެ ކުރިން އޭގެ އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް ހުސެން ވަހީދާ ވެސް މުއާޒް ބައްދަލުކުރި ކަމަށާއި، އޭނާ އަކީ ސީޕީ ހުސެންއާއި ގާތް ގުޅުމެއް އޮތް މީހެއްކަން އިނގުނު ކަމަށް ވެސް މަރު ކޮމިޝަނުން ބުންޏެވެ. އެ ކޮމިޝަނުން ބުނީ އެ ދެ ބައްދަލުވުމުގައި ވެސް ހާނިމް ބައިވެރިވެފައިވާ ކަމަށެވެ. އަދި ސޯސަލް މީޑިއާގައި ދީނީ، އިޖްތިމާއީ ކަންކަމާގޫޅޭ ގޮތުން ޚިޔާލް ފާޅުކުރަމުން ދިޔަ މީހުންނަށް އިންޒާރު ދިނުމުގެ ކަންތައް ބޮޑަށް ހިނގަން ފެށީ މި ބައްދަލުވުން ތަކަށް ފަހުގައި ކަމަށް ވެސް ބުންޏެވެ.

މަރުކޮމިޝަނުން ބުނީ އޭރުގެ ސަރުކާރަށް ނިސްބަތްވާ ޕާޓީގެ އިސްވެރިން ރާއްޖޭގައި ގޭންގްތަކެއް ނެތް ކަމަށާއި، ޒުވާނުންނަށް ނިސްބަތްކޮށް އެހެން ނުބުނެވޭނެކަމަށް ބުނުމުން ގޭންގްތަކަށާއި، ކުށްކުރާ ފަރާތްތަކަށް އިތުރު ހިތްވަރެއް ލިބުނު ކަމަށެވެ. އަދި އެފަދަ ގްރޫޕްތަކުގައި އުޅޭ މީހުންގެ ކުށުކުގެ ރިކޯޑް ސާފުކޮށްދީ، ތަމްރީން ކުރުމަކާއިނުލައި ކުންފުނިތަކުން ވަޒީފާތައް އެމީހުންނަށް ހަމަޖައްސައިދިން ކަމަށެވެ.

މަރުކޮމިޝަނުން ވަނީ 2012 ވަނަ އަހަރު ރާއްޖޭގައި އޮތް ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ވެރިކަން ބަދަލުވެގެން ދިޔުމާއެކު ގޭންގްތަކާއި، ހަރުކަށި ފިކުރުގެ މީހުންގެ ބާރު ގަދަވެގެން ދިޔަކަމަށް ބުނެފައެެވެ. އަދި އޭގެ ފަހުން 2013 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނާއި، އޭގެ ފަހުން ވެސް ސިޔާސީ މީހުން އެފަދަ ގްރޫޕްތަކާއި ގުޅުން ބަދަހިކޮށް، އެމީހުންގެ ބޭނުންކޮށް އެފަދަ ގްރޫޕްތައް ބާރުވެރި ކުރުވިކަމަށް ތަހްގީގަށް ކުރި މަސައްކަތުން ފެނުނު ކަމަށް ބުންޏެވެ.

ގޭންގްތަކަށް ލިބިފައިވަ ބާރާއި ނުފޫޒު އަންގައިދޭ ގިނަ ކަންތައްތަކެއް ފެނިފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

ރިޟްވާން ގެއްލުމުގެ ކުރިން ވެސް ފަހުންވެސް ސިލްސިލާ ގޮތެއްގައި ސޯސަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިންޒާރުދީ ބިރުދައްކަމުން ދިޔައިރު ކަމަށާއި، އެ ސިލްސިލާގެ ތެރެއިން އެކަން ކުރި މީހުންގެ ލިސްޓްގައި ރިޟްވާންގެ ނަން އޮތް ކަމަށް ކޮމިޝަނުން ބުންޏެވެ. އަދި އޭރު ސޯސަލް މީޑިއާގައި ރިޟްވާން ބޭނުންކުރި ނަން ''މޮޔަމީހާ'' އަކީ ކާކުތޯ ބަލާފައިވާ ކަމަށް ވެސް ބުންޏެވެ.

ރިޟްވާނަށް ދިން އިންޒާރުތަކަށްފަހު ފާރަލައި ވަަގަށް ނަގާފައި ވަނީ ހަރުކަށި މީހުން ދުރާލާ ރާވައިގެންކަން ތަޙްޤީޤަށް އިނގޭ ކަމަށް ވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަރުކޮމިޝަނުން ވަނީ ބުނެފައެވެ.