މާލޭގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުއެއް ކުރިއަށް ގެންދަން މާލެ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.
މާލެސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރަށް އެކުލަވާލި ސްޓްރެޓްޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ 2000 ސޯޝަލް ހައުސިންގް ޔުނިޓް މަޝްރޫޢުގެ ދަށުން މާލެ ހިޔާ ސިނަމާލެ ސަރަޙައްދުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫޢުގެ ފަންނީ އަދި އިދާރީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ފާސްކުރީ އެ ކައުންސިލްގެ 80 ވަނަ ރަސްމީ އާއްމު ޖަލްސާގައެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމުގެ ގޮތުން ފާއިތުވި ދޮޅު އަހަރުތެރޭގައި މާލެ ސިޓީ ކައުންސިލުން ކުރެވުނު މަސައްކަތްތަކުގެ ތަފްޞީލް މޭޔަރު މުޢިއްޒު ވަނީ ހިއްސާ ކުރައްވާފައިވާއިރު، މިދިޔަ ދޮޅު އަހަރުތެރޭގައި މިކަމުގައި މި މަސައްކަތުގެ ތެރެއިން ފުރަތަމަ ލޭންޑްޔޫސް ޕްލޭންއެއް ހެދިގެން ދިޔަކަމަށް މޭޔަރު ވިދާޅުވިއެވެ.
''ލޭންޑް ޔޫސް ޕްލޭންގައި މާލެ ހިޔާ ސިނަމާލެ ސަރަޙައްދުގެ ރީ ޑިވެލޮޕްމެންޓް ހިމެނިފަވޭ. އެހެން ނަމަވެސް އެއް އަހަރުވެއްޖެ އެ ޕްލޭން ފާސްކޮށްދިން ކަމުގެ ލިޔުން އަޅުގަނޑުމެންނާއި ހަމަޔަށް ނުގެނެސް'' މޭޔަރު ވިދާޅުވިއެވެ.
މާލެ ހިޔާ ސިނަމާލެ ފްލެޓް މަޝްރޫޢުއަކީ މާލެ ސިޓީ ކައުންސިލްގެ މި ދައުރަށް އެކުލަވާލި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ 2000 ހައުސިން ޔުނިޓްގެ ތެރެއިން ކުރިއަށްދާ މަޝްރޫޢުއެކެވެ. އެގޮތުން މާލެ ހިޔާ ސިނަމާލެ ސަރަޙައްދު އެއްކޮށް ތަރައްޤީކޮށް ނިމޭއިރު 1300 ހައުސިންގ ޔުނިޓް އަޅާނިމޭނެ ކަމުގައި މޭޔަރ ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން އިމާރާތް ކުރެވޭ ފްލެޓްތަކުގެ ތެރެއިން 60 އިންސައްތަ އަކީ ސޯޝަލް ހައުސިންގ އެވެ. އަދި 40 އިންސައްތަ އަކީ މެދު ފަންތީގެ ބޯހިޔާވަހިކަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!