ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށާއި، އެ ޕާޓީ އުވާލުމުގެ އިޖުރާއަތްތައް ފުރިހަމަ ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެ ޕާޓީއަށް އަންގައިފި އެވެ.
އީސީ އިން، އެ ޕާޓީއަށް މިގޮތަށް އަންގާފައި މިވަނީ ގާނޫނީ އަދަދު ހަމަވާ ވަރަށް އެ ޕާޓީގައި މެމްބަރުން ހަމަނުވުމުން، އެ ޕާޓީ އުވާލަން ނިންމާފައިވާތީ އެވެ.
އެ ކޮމިޝަނުން ނެރެފައިވާ ނޫސް ބަޔާނެއްގައި ވިދާޅުވީ ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ގާނޫނު ލާޒިމުކުރާ 3،000 މެންބަރުން ހަމަކުރުމަށް ޑީއާރްޕީއަށް ދިން ތިން މަސް ދުވަހުގެ މުއްދަތުގައި އެ އަދަދަށް މެންބަރުން ހަމަވެފައި ނުވާ ކަމަށެވެ. އެހެންކަމުން ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތުގެ މަތީން އެ ޕާޓީ އުވާލަން ނިންމައިފައިވާ ކަމަށެެވެ.
މީގެ އިތުރުން އެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުންނާ ބައްދަލުކޮށްފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ވިދާޅުވެފަ އެވެ. އަދި ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާ ގޮތުގެ މަތީން ޕާޓީ އުވާލުމުގެ އިޖުރާއާތު ފުރިހަމަ ކުރުމަށް އެ ޕާޓީއަށް ލިޔުމުން އަންގާފައިވާ ކަމަށް ވެސް އީސީގެ ބަޔާނުގައި ވެއެވެ.
ޑީއާރްޕީ އުވާލަން ނިންމައި، ފުރަތަމަ ނޯޓިސް ދިނީ މިދިޔަ މޭ މަހުގެ 18 ވަނަ ދުވަހު އެވެ. އެހެންނަމަވެސް ގާނޫނުގައި ބުނާ ތިން މަސް ދުވަހުގެ ތެރޭގައި، އެޕާޓީން މެންބަރުން ހަމަކުރުމުން، މެންބަރުން ހަމަވިކަމުގެ ރަސްމީ ލިޔުން އީސީން ވަނީ މިދިޔަ ޖޫން މަހުގެ 17 ވަނަ ދުވަހު އެ ޕާޓީއާ ހަވާލުކޮށްފަ އެވެ.
ޑީއާރްޕީގައި ގާނޫނީ އަދަދަށް މެމްބަރުން ހަމަނުވާތީ، މެމްބަރުން ހަމަކުރުމަށް ތިން މަސްދުވަހުގެ ނޯޓިސްއެއް، މިިދިޔަ ޖުލައި 25 ވަނަ ދުވަހު ދީފައިވާ ކަމަށާއި އެހެންނަމަވެސް، އެ މުއްދަތުގައި ވެސް ގާނޫނީ އަދަދަށް މެމްބަރުން ހަމަވެފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
ޑީއާރްޕީގެ މިހާރުގެ ލީޑަރަކީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.
މޯލްޑިވިއަން ޑިމޮކްރެޓިވް ޕާޓީ (އެމްޑީޕީ) އަށް ފަހު، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ކުރިން އެންމެބޮޑު އެއްނަން ކަމަށްވާ ޑީއާރްޕީ އަކީ ކުރީގެ ރައީސް މައުމޫން އިސްވެ ހުންނަވައި އުފެއްދެވި ޕާޓީއެކެވެ.
އެހެންނަމަވެސް މައުމޫން ފަހުން ވަނީ އެ ޕާޓީ ދޫކުރައްވައި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުފައްދަވާފަ އެވެ. އަދި އެއަށްފަހު، ކުރީގެ ރައީސް ޔާމީން އާ ދެމެދު ވެވުނު ހިޔާލުތަފާތުވުންތަކުގެ ސަބަބާއެކު، ޕީޕީއެމް ވެސް މައުމޫންގެ އަތުން ވަނީ ބީވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!