ހދ. ނޮޅިވަރަމް، ނިޝާމާ މުހައްމަދު މަރާލި ކަމުގެ ތުހުމަތު ހައްޔަރުކޮށްފައިވާ އޭނާގެ ފިރިމީހާ، އދ. ފެންފުށީ، ރޯސްވިލާ، އަބޫބަކުރު ފައިސަލް އަމިއްލައަށް މަރުވާން އުޅުނު މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލައިދިނުމަށް ހުށަހަޅައިފި އެވެ.
މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ މެދުވެރިކޮށް އެކަން ބަލައިދިނުމަށް ހުށަހަޅާފައިވަނީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.
އޭނާ ހުށަހެޅުއެއްވި މައްސަލައިގާ ވަނީ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މީހުން ބެލެހެއްޓުމަކީ ދިވެހި ފުލުހުންގެ ޒިންމާއެއް ކަމަށެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފައިސަލް މިފަދަ ނުރައްކާތެރި އަމަލެއް ހިންގިއިރު، ފުލުހުންނަށް އެކަން ނޭނގުމަކީ ވަރަށް ބޮޑު އިހުމާލެއްކަމުގައި ބެލުމުގެ ފުރުސަތު އޮތް ކަމަށެވެ.
މީގެ އިތުރުން ފައިސަލްގެ ކުށުގެ ރެކޯޑާއި ތުހުމަތު ކުރެވޭ ކަންކަމަށް ބަލާއިރު، އެފަދަ ތުހުމަތު ކުރެވޭ މީހުންނާމެދު އަޅަންޖެހޭ ފިޔަވަޅުތައް ފުރިހަމައަށް އަޅާފައި ނުވާކަން ހާމަވާ ކަން ވެސް އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި މިކަމަކީ ފުލުހުންގެ ޒިންމާދާރު ކަމާމެދު ރައްޔިތުން ކުރަން ޖެހޭ އިތުބާރު ކުޑަވާނެ ކަމެއް ކަމަށާއި މަރާލާފައިވާ މީހާގެ އާއިލާއަށް އިންސާފު ލިބުމަށް ހުރަސް އެޅޭނެ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
ހަމަމިއާއެކު މިފަދަ ކަންކަން ކުރިމަގުގައި ދިމާނުވާނެ ގޮތްތަކެއް ހެދުމަށްޓަކައި ފުލުހުން މަސައްކަތް ކުރައްވަމުންދާކަން ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ މެދުވެރިކޮށް ބަލައިދިނުމަށް ވެސް އާދަމް ޝަރީފް ވަނީ އެދިލައްވާފަ އެވެ.
ނިޝާމާ ދިރިއުޅުނު ނޮޅިވަރަމް ހިތައްފިނިވާގޭ ކޮޓަރި ތެރޭގައި ހޭނެތިފައި އޮއްވައި ފެނުނީ މި ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގަ އެވެ. ނޮޅިވަރަމްގައި މީހަކު މަރާލައިގެން އުޅޭކަމަށް ބުނެ ފުލުހުންގެ އިދާރާއަށް ރިޕޯޓުކޮށްފައި ވަނީ އެދުވަހުގެ 12:30 ގައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.
ނިޝާމާ ކޮޓަރިތެރެއިން ފެނުނުއިރު، އޭނާގެ ފިރިމީހާ ވަނީ އެ ދުވަހު ހެނދުނު ފުރައިގެން ކުޅުދުއްފުށި ސިޓީ އަށް ގޮސްފަ އެވެ. ފުލުހުން ވަނީ އެ މައްސަލައިގެ ތުހުމަތުގައި އެދުވަހު އޭނާ ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފަ އެވެ.
މަރާލާފައި އޮތް ކަމަށް ޝައްކުކުރެވޭ އެރަށު ނިޝާމާ މުހައްމަދުގެ ހަށިގަނޑު، ޕޯސްޓްމޯޓަމް ހެދުމަށް މާލެ ގެނެސްފައިވަނީ މި މަހުގެ 12 ވަނަ ދުވަހު އެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
ނިޝާމާގެ ތިން ކުދިން ތިބިއިރު، އޭނާ ދިރިއުޅެމުން ދިޔައީ އޭނާގެ މައިންބަފައިންނާއެކުގައި ކަމަށްވުމުން ކުދިން މިހާރު ތިބީ އާއިލާގެ ގާތުގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!