ރާއްޖެއިން ޔޫރަޕަށާއި އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް މިހާރަށްވުރެ ރަނގަޅު އަގު ދުރު ނޫން މުސްތަޤްބަލެއްގައި ލިބިގެންދާނެ ކަމަށާއި، އޭރުން މިފްކޯއިން ގަންނަ މަހަށް ބޮޑުއަގު ދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މަސްވެރީންގެ ދުވަހުގެ މުނާސަބަތުގައި، ގދ ފަރެސް މާތޮޑާގައި ރޭ ބޭއްވި ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ، މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، ކިރުވާ މަހަށް ލިބޭ އަގު ކަމަށެވެ. ސަރުކާރުގެ މަސްކުންފުނި، މިފްކޯއަށް މިހާރު މަސް ގަންނަނީ، ކިލޯއަކަށް 17 ރުފިޔާގެ ރޭޓުން ކަމަށާއި، ނަމަވެސް، ބޭރުގެ ބާޒާރުތަކުގައި، ރާއްޖޭގެ ރޯމަސް ވިއްކަން ޖެހެނީ އެއަށްވުރެ އަގު ހެޔޮކޮށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ރޭޓުން ގަނެގެން އެއަށްވުރެ ކުޑަ އަގެއްގައި ވިއްކަން ޖެހުމުން، މިފްކޯއަށް އެތައް ރުފިޔާގެ ގެއްލުންވާކަމަށާއި، އެ ގެއްލުން ފޫބައްދަނީ، ސަރުކާރުން މިފްކޯއަށް ފައިސާ ދީގެން ކަމަށް ވިދާޅުވިއެވެ.
މިވަގުތު އެގޮތަށް މިފްކޯއިން މަސައްކަތް ކުރި ނަމަވެސް، އެއީ ވިޔަފާރީގެ އުޞޫލުން އެކަން ކުރާ ޕްރައިވެޓް ސެކްޓަރއަށް ކުރެވޭނެ ކަމެއް ނޫންކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ކޯވިޑުގެ ދަތިކަމުގެ ތެރޭގައި، މަސްވެރިކަމުގެ ޞިނާޢަތުގެ ޕްރައިވެޓް ސެކްޓަރ، ކުންފުނިތައް ދެމެހެއްޓުނީ ސަރުކާރުންވެސް އެހީތެރިކަމެއް ވަރަށް ބޮޑަށް ފޯރިކޮށްދީގެންކަން ވެސް ފާހަގަ ކުރެއްވިއެވެ. ރައީސް ވިދާޅުވީ، ޙަޤީޤަތުގައިވެސް މަސްވެރިކަމުގެ ޞިނާޢަތް ކުރިއަރައިގެންދާނީ، ޕްރައިވެޓް ސެކްޓަރގެ ދައުރު ވީހާވެސް ފުޅާކޮށް، މިނިވަން ވިޔަފާރިއަކަށް ޖާގަ ދީގެން ކަމަށެވެ.
''އަޅުގަނޑުމެން މަހުގެ އަގަށް ބަދަލެއް ގެންނަން ބަލާއިރުގައި، ޕްރެއިވެޓް ސެކްޓަރގެ ވިޔަފާރިތަކަށް ވެގެންދާނެގޮތް އަޅުގަނޑުމެން މިނެކިރާލަން ޖެހޭނެ. މިއީ ދިމާވާ އެއް މައްސަލަ. ދެން ވިސްނަންވީ މަހަށް މިއަށްވުރެ ބޮޑު އަގެއް ހޯދޭނީ ކީއްކޮށްގެންތޯ. ކޮން ގޮތަކަށް މަސައްކަތް ކޮށްގެންތޯ. ކުރެވެން އޮތް ކަމަކީ، ރޯ މަހުގެ ބަދަލުގައި، އެކްސްޕޯޓް ކުރުމުގެ ބަދަލުގައި ވެލިއު އެޑްކޮށް، ޕްރޮސެސްކޮށް، އޭގެ އަގު އުފުލޭނެ ގޮތްތައް ހޯދުން. އަދި ރާއްޖޭގެ މަސް އެކްސްޕޯޓް ކުރާ ބޭރުގެ ބާޒާރުތަކުން މިއަށްވުރެ ރަނގަޅު އަގެއް ހޯދުމަށް މަސައްކަތް ކުރުން.'' ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ މަސް އެކްސްޕޯޓް ކުރާ ބޭރުގެ މާކެޓްތަކުގެ ތެރޭގައި، ޔޫރަޕްގެ ޤައުމުތަކާއި އިނގިރޭސިވިލާތް ހިމެނޭ ކަމަށެވެ. އަދި ޔޫރަޕުންނާއި އިނގިރޭސިވިލާތުން، ދިވެހިރާއްޖެއިން ބޭރުކުރާ މަހަށް 24 ޕަސެންޓްގެ ޑިއުޓީއެއް މިހާރު ނަގަމުން ދާކަން ފާހަގަ ކުރައްވައި، އެއީ މި ސަރަޙައްދުގައި އޮތް އަޅުގަނޑުމެންގެ ވާދަވެރިން ކަމަށްވާ މޮރިޝަސް، ސީޝެލްސް އަތުން އެ ޑިއުޓީ ނުނަގާކަމަށް ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގެ މަސް، އިނގިރޭސިވިލާތަށާއި ޔޫރަޕަށް ވިއްކުމުގައި ދަތިތަކެއް ހުރިކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވ، ސަރުކާރުން އަންނަނީ، ސަރުކާރުގެ ކަމާބެހޭ އެންމެހާ ފަރާތްތައް ގުޅިގެން، ޔޫރަޕާއި، އިނގިރޭސިވިލާތާއެކު މަޝްވަރާތަކެއް ކުރައްވަމުންކަމަށެވެ.
''އިރާދަކުރެއްވިއްޔާ، ދުރު ނޫން މުސްތަޤްބަލެއްގައި މިކަމަށް ޙައްލެއް ގެނެވި، ރާއްޖެއިން ޔޫރަޕަށާއި އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް މިއަށްވުރެ ރަނގަޅު އަގު ލިބިގެންދާނެ. އޭރުން އަޅުގަނޑުމެން ގަންނަ މަހަށް ބޮޑުއަގު ދެވޭނެ ތިޔަބޭފުޅުންނަށް.'' ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވިދާޅުވިގޮތުގައި ސަރުކާރުގެ އަމާޒަކީ، މަސްވެރިން ބާނާ މަސް ގަނެ ފިނިކޮށް، ޕްރޮސެސްކޮށް، ބޭރަށް އެކްސްޕޯޓް ކުރެވޭނެ ވަރަށް، ސަރުކާރުގެ މަސް ކުންފުނީގެ ކެޕޭސިޓީ އިތުރުކުރުން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!