ތ. އަތޮޅުގައި އަވައްޓެރި ފުލުހުންގެ ޚިދުމަތް ގާއިމުކޮށް އެ ޚިދުމަތް ފަށައިފިއެވެ.
ލާމަރުކަޒީކޮށް ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ދިނުމަށް ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތ. އަތޮޅުގައި އަވައްޓެރި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަށް ވޭމަންޑޫގައި ބޭއްވި ރަސްމިއްޔާތު އޮތީ މިދިޔަ ހުކުރު ދުވަހުގެ ރެއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފުއެވެ.
އެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު، ސައުތު ސެންޓްރަލް ޕޮލިސް ކޮމާންޑަރ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ރަޝީދު އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ތ. އަތޮޅު ކައުންސިލު އަދި ވޭމަންޑޫ ކައުންސިލު މެންބަރުން ވެސް ވަނީ ބައިވެރިވެފައެވެ.
ތ. އަތޮޅުގައި އަވައްޓެރި ފުލުހުންގެ ޚިދުމަތް ގާއިމުކުރިއިރު، ދިވެހިފުލުހުންގެ ޚިދުމަތަށް 89 އަހަރު ފުރުމުގެ މުނާޞަބާ ފާހަގަކުރުމަށް 29 މާރިޗް 2022 ދުވަހުގެ ރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ޚިދުމަތް ގާއިމުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް ވަނީ މިއަހަރުގެ ތެރޭގައި އިތުރު 25 ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިގެން ދާނެކަމަށާއި، އަދި ރާއްޖޭގެ 61 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ބިނާކުރުމުގެ މަރުހަލާތައް ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!