ދިވެހި ފުލުހުންގެ ހިދުމަތުން މިދިޔަ ނޮވެމްބަރު މަހު މާލެ ސަރަހައްދުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަތް 13 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ޢަމުރުކޮށްފި އެވެ.
ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމީ، މިމައްސަލާގައި ފުލުހުން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ހަމަވެ، މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން ނެވެ.
އެ މައްސަލައިގާ ޖުމުލް ހަ މީހުން ހައްޔަރުކޮށްފައިވާއިރު، ދެންތިބި ފަސްމީހުންނަށް ވަނީ 30 ދުވަހަށް ބަންދުގައި ބޭތިއްބުމަށް މުއްދަތު ޖަހާފަ އެވެ.
މިއަހަރުގެ ނޮވެމްބަރ 17 ވަނަ ދުވަހުގެ ރޭ، މާލެ އާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަންގައި 13.56 ކިލޯގެ ޑްރަގާއި 644،020 ރުފިޔާ އަތުލައިގަނެފައި ވެއެވެ.
ފުލުހުން ހިންގި މި އޮޕަރޭޝަންގައި މަސްތުވާތަކެއްޗާއި ފައިސާ ހޯދާފައިވަނީ މާލޭގެ ދެ ގެއަކާއި ހުޅުމާލޭގެ ގެސްޓް ހައުސްއެއް ބަލާ ފާސްކުރުމަށްފަހު އެވެ.
މި މައްސަލައިގެ ތަހުގީގާއި ގުޅޭގޮތުން ފުލުހުން މިހައިތަނަށް އިތުރު މައުލޫމާތެއް އަދިހާމައެއް ނުކުރައްވަ އެވެ.
މަސްތުވާތަކެއްޗާއި ފައިސާ އަތުލައިގެންފައިވާކަން ހާމަކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މިތަކެތި އަތުލައިގަތީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އަދި މި ތަކެތި އަތުލާފައިވަނީ މާލޭގެ ދެ ގެއަކުންނާއި ހުޅުމާލެ ގެސްޓްހައުސްއަކުން ކަމަށެވެ.
ސީޕީ ވިދާޅުވެފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަންތައް ކުރިއަށްދާނެ ކަމަށެވެ.
މިގޮތުން ދާދިފަހުން ވެސް ވަނީ ފުލުހުންގެ ހިދުމަތުގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް އަދި ސައުތު ޕޮލިސްގެ ފުލުހުން ގުޅިގެން ކާމިޔާބު އޮޕަރޭޝަނެއް ހިންގާފަ އެވެ.
މި އޮޕަރޭޝަންގައި ގދ. ހޯޑެއްދޫ ވަލުތެރޭގައި ވަޅުލާފައިހުއްޓައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދީ މިދިޔަ އޮކްޓޯބަރު 28 ވަނަ ދުވަހުއެވެ. އެދުވަހު ވަނީ 13 ކިލޯގެ މަސްތުވާތަކެތި ހޯދާފައެވެ. އަދި ނޮވެމްބަރު 2 ވަނަ ދުވަހު ވަނީ ހޯޑެއްދޫ ކައިރި ފަޅު ރަށެއްގައި ވަޅުލާފައި ހުއްޓައި 69 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށެވެ. އެހެންކަމުން މި އޮޕަރޭޝަންގައި 82 ކިލޯ މަސްތުވާތަކެތި ވަނީ ހޯދާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!