ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ބްރެޒިލް ބަލިކޮށް ކްރޮއޭޝިއާ، މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މިރޭ ގަތަރުގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗު ފުރިހަމަ ވަގުތު ހަމަވެއް އިތުރު ވަގުތު ދެ ހާފް ކުޅެ ނިމުން އިރު ވެސް ދެ ދެ ޓީމް އޮތީ 1-1 ގެ ނަތީޖާއިން އެއްވަރު ވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ކްރޮއޭޝިއާ ބްރެޒިލްގެ މައްޗަށް ކުރި ހޯދީ 4-2 ގެ ނަތީޖާއިންނެވެ.

Ad
rt

މުޅި މެޗަށް ބަލާއިރު މި މެޗުގައި ދެ ޓީމްގެ ފަރާތުން ފެނިފައި ވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް ލަނޑުޖަހާނެ ގިނަ ފުރުޞަތު މެޗުގައި ތަނަވަސް ކޮށްފައި ވަނީ ބްރެޒިލްއެވެ.

މެޗުގެ 20 ވަނަ މިނެޓުގައި ވިނިޝިއަސް ޖޫނިއާ އާއި ރިޗާލިސަން ޕެނަލްޓީ އޭރިއާ ތެރެއިން ކުޅުނު ހިތްގައިމު ކުޅުމެއްގައި ވިނިޝިއަސް ޖޫނިއާ ގޯލްގެ ތެރެއަށް ފޮނުވާލި ނަމަވެސް ކްރޮއޭޝިއާ ކުޅުންތެރިއެއް ވަނީ ދިފާއުކޮށްފައެވެ. އަދި އޭގެ މިނެޓެއް ފަހުން، ނޭމާ ޕެނަލްޓީ އޭރިއާ ކައިރިން ޖެހި ބޯޅަ ކީޕަރު ދިފާއުކުރިއެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ބްރެޒިލްގެ ފަރާތުން ކައިރި ކައިރީގައި ނުރައްކާ ހަމަލާތަކެއް ފެނިގެން ދިޔައެވެ. މިލިޓާއޯއާއި ނޭމާ ފޮނުވާލު ނުރައްކާތެރި ހަމަލާތެއް ކްރޮއޭޝިއާގެ ކީޕަރު ވަނީ މަތަކޮށްފައެވެ.

މެޗުގައި ބްރެޒިލްއަށް ލީޑު ނަގައިދޭން ރަނގަޅު ފުރުޞަތެއް އެ ޓީމްގެ މިޑްފީލްޑަރ ޕަކުއޭޓާއަށް ވެސް ލިބިގެން ދިޔައެވެ. ކްރޮއޭޝިއާގެ ޑިފެންސް ތެރެއިން ދެމިގަނެ ހުހަށް ހުރެ އޭނާ ފޮނުވާލި ހަމަލާ ވެސް ކްރޮއޭޝިއާގެ ކީޕަރު ވަނީ މަތަކޮށްފައެވެ.

މެޗިގެ ދެވަނަ ހާފުގައި ބްރެޒިލުން މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވެއެވެ.

މެޗުގައި ބްރެޒިލުން ލަނޑުޖަހައި ލީޑު ނަގާފައި ވަނީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ފަހު ވަގުތުއެވެ. ނޭމާއާއި ޕަކުއޭޓާ ގުޅިގެން ކްރޮއޭޝިއާގެ އޭރިއާތެރެއިން އުފެއްދި ހިއްގައިމު ހަމަލާއެއްގައި ނޭމާ ވަނީ ކީޕަރު ވެސް ނައްޓާލުމަށް ފަހު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. މިއީ ނޭމާ ގައުމީ ޓީމަށް ޖެހި 77 ވަނަ ލަނޑެވެ. މިއާއެކު ނޭމާ ވަނީ ބްރެޒިލްގެ ލެޖެންޑް ޕެލޭ ގައުމީ ޓީމަށް ޖެހި ލަނޑާ އަރާ ހަމަކޮށްފައެވެ. ޕެލޭ ވެސް ޖަހާފައި ވަނީ 77 ލަނޑެވެ.

މެޗުގެ ނަތީޖާ ކްރޮއޭޝިއާއިން ހަމަހަމަ ކޮށްފައި ވަނީ އިތުރު ވަގުތުގެ ދެވަނަ ހާފު ނިމެން ހަތަރު މިނޓަށް ވެފައި ވަނިކޮށެވެ. އެ ޓީމުން އުފެއްދި ކައުންޓަ އެޓޭކެއްގައި މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ޕެޓްކޮވިޗްއެވެ.

މެޗު އެއްވަރުވެގެން ނިމުމުން ނަތީޖާ ނެރެންޖެހި ޕެނަލްޓީގައި ފުރަތަމަ ޕެނަލްޓީ ޖެހީ ކްރޮއޭޝިއާއިންނެވެ. އެ ޓީމްގެ ވްލަސިޗް ޖެހި ޕެނަލްޓީ ކާމިޔާބު ކުރިއެވެ. ބްރެޒިލްގެ ފުރަތަމަ ޕެނަލްޓީ އެ ޓީމްގެ ރޮޑްރިގޯ ފޮނުވާލިއިރު އެ ޕެނަލްޓީ މެޗުގައި އާދަޔާ ޚިލާފް މޮޅު ކުޅުމެއް ދެއްކި ކްރޮއޭޝިއާގެ ކީޕަރު ލިވާކޮވިޗް ވަނީ މަތަކޮށްފައެވެ.

ކްރޮއޭޝިއާގެ ދެވަނަ ޕެނަލްޓީ ލޮވްރޯ މައެއާ ކާމިޔާބު ކޮށްދިންއިރު، ބްރެޒިލްގެ ދެވަނަ ޕެނަލްޓީ ކަސެމީރޯ ވަނީ ކާމިޔާބު ކޮށްފައެވެ. ކްރޮއޭޝިއާގެ ތިންވަނަ ޕެނަލްޓީ މޮޑްރިޗް ކާމިޔާބު ކޮށްދީފައިވާއިރު، ބްރެޒިލްގެ ތިންވަނަ ޕެނަލްޓީ ޕެޑްރޯ ވަނީ ކާމިޔާބު ކޮށްފައެވެ. ކްރޮއޭޝިއާގެ ހަތަރުވަނަ ޕެނަލްޓީ މިސްލާވް އޯސިޗް ކާމިޔާބު ކޮށްދިންއިރު، ބްރެޒިލްގެ މާކީނިއޯސް ފޮނުވާލި ޕެނަލްޓީ އަމާޒުވީ ދަނޑިއަށެވެ.

ބްރެޒިލް 2002 ގެ ވޯލްޑް ކަޕް ކާމިޔާބު ކުރި ފަހުން، ޔޫރަޕް ޓީމެއް އަތުން ނޮކްއައުޓް ބުރުގައި މޮޅުވެވިފައެއް ނުވެއެވެ. އެގޮތުން 2006 ގައި ފްރާންސް އަތުން ބަލިވި އިރު، 2010 ގައި ނެދަލެންޑްސް އަތުން ވަނީ ބަލިވެފައެވެ. އެއަށްފަހު 2014 ވަނަ އަހަރު އަމިއްލަ ގައުމުގައި ސެމީން ވަނީ ލަދުވެތި ގޮތަކަށް ޖަރުމަނު އަތުން ބަލިވެފައެވެ. އަދި 2018 ވަނަ އަހަރު ބެލްޖިއަމް އަތުން ވަނީ ބަލިވެފައެވެ.

މުބާރާތުގެ ސެމީގައި ކްރޮއޭޝިއާ ބައްދަލުކުރަން ޖެހޭނީ، ކުއާޓާގައި މިރޭ އާޖެންޓީނާއާއި ނެދަލެންޑްސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.