އެކުވެރި ދައުލަތްތައް (އދ) ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ ނައިބް ރައީސެއްގެ މަގާމަށް ޑރ. އަހުމަދު އާސިމް އިންތިހާބުކޮށްފި އެވެ.
ޑރ. އާސިމަކީ ޖެނީވާގައި ހުންނަ އދ. ގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބެވެ.
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ވަނީ އަންނަ އަހަރަށް އެ ކައުންސިލުން އިންތިހާބުކޮށްފައިވާ ހަތަރު ނައިބު ރައީސުންގެ ތެރޭގައި ޑރ. އާސިމް ހިމެނިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.
އެކައުންސިލުން ބުނެފައިވާ ގޮތުގައި އެ ކައުންސިލްގެ ރައީސްގެ މަގާމަށް އިންތިހާބުކުރީ ޗެކް ރިޕަބްލިކްގެ ބޭފުޅެކެވެ. އަދި ނައިބު ރައީސުންގެ ގޮތުގައި ރާއްޖޭގެ ޑރ. އާސިމްގެ އިތުރުން ދެން އިންތިހާބުވީ ގެމްބިއާ، ބޮލީވިއާ އަދި ލަކްސަމްބަގްގެ ބޭފުޅުންނެވެ.
ޑރ. އާސިމް އެ މަގާމަށް އިންތިޚާބުވުމާއި ގުޅިގެން ރާއްޖޭގެ ޚާރިޖީވަޒީރު ވަނީ އޭނާ އަށް މަރުޙަބާ ދަންނަވާފައެވެ. އަދި އެއީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ވަރުގަދަ ފޮރިން ޕޮލިސީގެ ނަތީޖާއެއް ކަމަށް ވިދާޅުވެފަވެއެވެ.
ސޯޝިއޮލަޖީ އެންޑް ޕޮލިޓިކްސްގެ ދާއިރާ އިން ޑިގްރީ އަދި ފިލޯސޮފީ އިން ޑިވެލޮޕްމަންޓް އިން މާސްޓާސް ހާސިލުކުރައްވާފައިވާ ޑރ. އާސިމަކީ ޚާރިޖީ ދާއިރާގެ ބައެއް މަޤާމްތައް ކުރިން ވެސް ފުރުއްވި އެ ދާއިރާގެ ތަޖުރިބާހުރި ބޭފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!