ރާއްޖޭގެ ޖަލުތަކުގައި ކުށްކުރާ މީހުން ގިނަވެ، ޖަލު ތެރެއިން މުޖުތަމައަށް ދިމާވަމުން އަންނަ މައްސަލަތައް ވެސް އިތުރުވަމުން އަންނަ ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން މިހެން ވިދާޅުވީ ސްކޭމްތަކުން މީހުންނަށް އޮޅުވާލައިގެން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވާތީ، އެކަމާ ގުޅިގެން މުއައްސަސާތައް އެއް ތަނެއްގައި މަޝްވަރާ ކުރުމަށް ބޭއްވި ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ.
25 އަހަރަށް ޖަލަށްލާފައި ތިބޭ މީހުން، އެ މީހުން އަތުގައި ވަގުތު ވަރަށް ގިނަކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވީ އެމީހުން ކުރާނެ މާ ބޮޑު އިތުރު ކަމެއް ނޯންނަކަމަށެވެ. އަދި ޖަލަށް ލެވުނީ ކުށެއް ކޮށްގެން ކަމަށާއި ޖަލުގެ އެތެރޭގައި އެއަށް ވުރެ ގިނަ ކުށްކުރުމަށް ފުރުސަތު ފަހިވެގެންދާ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ޖަލުގެ ތެރެއިން ސްކޭމްކޯލްތައް ކުރާކަމަށް ކެނޑިނޭޅި ދެކެވޭ ވާހަކަތަކަށް އިޝާރާތް ކުރައްވާ އިމްރާން ވިދާޅުވީ މިހާރު ޖަލުން ގުޅާއިރު އެމީހަކު ކަނޑުމަތީގައި ހުރި ކަމަށް ބުނެ އެއަޑު އިވޭނެ ގޮތް ހޯދައި އެކަން ކުރަމުން އަންނަ ކަމަށެވެ. އަދި މިއީ ވެސް ޖަލުތަކުގައި މީހުންގެ ވަގުތު ގިނަވެ، އެމީހުން ކުށްތަކަށް އަރައިގަންނަ ފެންވަރު ރަނގަޅުވެފައިވާ ކަމުގެ މިސާލެއްކަން ފާހަގަކުރެއްވި އެވެ.
" ޖަލުތަކުގައި ހުންނަ މި ހުރިހާ މައްސަލަތަކަކީ ވެސް މިހާރު އައިޑެންޓިފައި ކުރެވިފައިވާ ކަންކަން. މިހާރު ދިމާވާ މައްސަލަ އަކީ މިކަންކަން ހައްލުކުރުމުގައި ހުރި ދަތިތައް." އިމްރާން ވިދާޅުވި އެވެ.
މިކަންކަމުން އަރައިގަނެވޭނީ މިކަންކަމާ ދެކޮޅަށް މަސައްކަތްކުރުމަށް އުފައްދާފައިވާ އިދާރާތަކާއި އާންމުން ވެސް އެކީ މަސައްކަތްކޮށްގެންކަން ފާހަގަކުރައްވާ އިމްރާން ވަނީ ފުރިހަމަ އެއްބާރުލުމަށް ގޮވާލައްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!